ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ގައިދީއަކު ފިލާފައެއް ނުވޭ – ކަރެކްޝަންސް
މާލެ ޖަލުން ކޮވިޑަށް ޕޮޒިޓިވްވެގެން ދެ ގައިދީއަކު ރޭ ހުޅުމާލެ ފެސިލިޓީއަށް ގެންދަނިކޮށް ފިލާފައިވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ދެމީހުން ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރަކީ ދޮގުޚަބަރެއް ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ މާލެ ޖަލުން ކޮވިޑަށް ޕޮޒިޓިވްވެގެން ދެ ގައިދީއަކު ރޭ ހުޅުމާލެ ފެސިލިޓީއަށް ގެންދަނިކޮށް ފިލާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާފައިވަނީ ދޮގު މައުލޫމާތެއް ކަމަށާއި، ކަރެކްޝަންސް ބެލުމުގައި ހުރި އެއްވެސް ގައިދީއަކު ފިލާފައި ނުވާ ކަމަށެވެ.
ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދެވުނު ދެމީހެކެވެ. އެދެމީހުންނަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އިރުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ދެމީހުން ކަމަށާއި، އެދެމީހުން ފިލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުމަށްފަހު އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑަށް ފެސިލިޓީއަށް ގެންދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އެދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

