ފަރުވާއަށްފަހު ރައީސް ނަޝީދު ޑިސްޗާޖް ކޮށްފި
ރައްޔިތުންގެ މަޖްލިސްގެ ރައީސް ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އޭޑީކޭއިން ފަރުވާހޯދުމަށްފަހު އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަނުވިލާތަށް ވަޑައިގެން ހޯއްދެވި ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެއިން ނުކުމެގެން ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައެވެ.
އެހޮސްޕިޓަލުގައި ވަނީ 16 ވަރަކަށް ގަޑިއިރުގެ ސާޖަރީތަކެއް ހައްދަވާފައެވެ. މިސާރޖަރީތަކުގައި، ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ ހަށިގަނޑުގެ ތެރެއަށް ވަދެފައި ހުރި ގިނަ އަދަދެއްގެ ރޭޒަރ ފުއްތަކަކާއި، ފްލަސްޓިކް ކޮޅެއްވެސް ވަނީ ނަގާފައެވެ.
އޭޑީކޭ ޕޮސްޕިޓަލުން ވިދާޅުވެފައިވާ ގޮތުގައި ގޮވުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިގަނޑުގެ ތެރެއަށް ވަދެފައިވާ ރޭޒަރ ފުކެއް އެމަނިކުފާނުގެ ހިތާއި ހަމައަށް ނުގޮސް ހުރީ ހަމަ ކިރިޔާކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރު ކޮށްފައެވެ.
މި ހަމަލާއަށްފަހު އެމްއެންޑީއެފް އިން އަންނަނީ މާލެ އާއި ބައެއް ރަށްރަށުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ މިކަމުގެ އަޑީގައި ތިބި މީހުންވެސް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ.



