އިންޓަލިޖެންސްގެ އޮޑިޓެއް ހެދުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައިފި
މިމަހުގެ 6 ވަނަދުވަހުގެ ރޭ، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިންޓަލިޖެންސްގެ ހާއްސަ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންޓަލިޖެންސް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށްޓަކައި ރައީސް އޮފީހާއި ބަންޑާރަ ނާއިބު އޮފީހުގެ ބޭފުޅުން ހިމެނޭ ހާއްސަ ޓީމެއް ރައީސް ސޯލިހު އެކުލަވާލާފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ އެ ކޮމެޓީން އެކަން ބަލަމުން އަންނަ ކަމަށާއި އަދި ފާހަގަވާ ކަންކަން ރައީސް ސޯލިހަށް ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ނުވަތަ ފޫއަޅުވައިލި ގޮތުގެ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީން ވެސް ވަނީ ނިންމާފައެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ދުސްތޫރީ ޒިންމާއެއް ކަމަށާ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެރޭ މެންދަމު 12:55 ގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލްވުމުގައި ޓެރަރިޒަމްގެ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް މި މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ.



އަނެއްކާ އަނެއް ކޮމިޝަން ، ކިތައް ކޮމިޝަން ހަމަކުރައްވަންތޯ ތިއުޅުއްވަނީ ، ތިޔަކޮމިޝަންތަކުގެ މަސައްކަތަކީ މުސާރަ ނަގައިގެން ގެއަށް ދިއުން އެނޫން އެހެންކަމެއް ކުރާ ކޮމިޝަނެއް ނެތް އިރު ކީއްކުރާ ކަށް ކުރާ ބޮޑު ޚަރަދެއްތޯ؟