ޚަބަރު

ކޮވިޑްގެ ނުރައްކާތެރިކަން ދަނީބޮޑުވަމުން، މިއަދުވެސް 386 މީހުން

ރާއްޖޭގައިވެސް ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ މިއަދު އެކަނިވެސް 386 މީހުން ޕޮޒިޓިވް ވެއްޖެއެވެ. ރެކޯޑްއަދަކަށް ރާއްޖެއިން މިބައްޔަށް މީހުން ޕޮޒިޓިވްވެފައިވާއިރު، ގިނައީ އަތޮޅުތެރޭގެ ރަށްރަށުން ރިޕޯޓްކުރި ކޭސްތަކެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 386 މީހުންގެ ތެރޭގައި ހިމެނެނީ ރަށްރަށުން ޕޮޒިޓިވްވި 198 މީހުންނާއި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 105 މީހުންނެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުންވެސް ވަނީ 77 މީހުން ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 28،588އަށް އަރާފައެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއެކު މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު މިހާރުވަނީ 4،000އިން މައްޗަށް އަރާފައެވެ. އަދި އެޑްމިޓްކޮށްގެން 119 މީހަކަށްދަނީ ފަރުވާ ދެމުންނެވެ.

މިރޭ އަލަށް ބަލިން ރަނގަޅުވީ 78 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 24،499 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،289 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close