ދިހަ ރަށެއްގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެހީވަނީ
ކޮވިޑް-19 ގެ ސަބަބުން މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން 10 ރަށެއްގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ދާކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސް އިން ބުނެފިއެވެ.
އެގޮތުން އެހީތެރިކަން ފޯރުކޮށްދޭ ރައްތަކުގެ ތެރޭގައި ހިމެނެނީ ރ.ހުޅުދުއްފާރު، ރ.އުނގޫފާރު، ރ.އަލިފުށި، ރ.މަޑުއްވަރި، ޅ.ނައިފަރު، ޅ.ހިންނަވަރު، ކ.ދިއްފުށި، ކ.ހުރާ، ދ.މީދޫ އަދި ގދ.ތިނަދޫއެވެ.
އެ ރަށްތަކުގެ ކައުންސިލްތަކާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، “ކެއަރ ޕެކޭޖަސް” ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމުގައި މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އެކި ރަށްރަށުގައި އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ.
އެހީގެ ގޮތުގައި ފޯރިކޮށްދީފައިވާ ތަކެތީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް އަދި އަންގި ފަދަ ތަކެތި ފޯރުކޮށްދީފައިވެއެވެ.
މީގެ ކުރިން 11 ރަށަކާއި ސިޓީތަކަށް 600 އަށްވުރެ ގިނަ ކެއަރ ޕެކޭޖް އަދި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އެއީ ހއ.ބާރަށް، ކުޅުދުއްފުށި ސިޓީ، ނ.ޅޮހި، ދ.ކުޑަހުވަދޫ، ލ.ކޮޅުފުށި، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގދ.ހޯޑެއްދޫ، ގދ.މަޑަވެލި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.
