ވާހަކަ

އެ މަޢްޞޫމު ގޮވާލުމުގެ އަޑު

މިއަދު އަހަރެންގެ ޙަޔާތަށް ވެރިވެފައި މިވާ ބަނަކަމާ ފަޅުކަން މެދުވެރިވުމުގެ އަސްލު ސަބަބަކީ، ހަމަ ޔަޤީނުންވެސް ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް ބީރުކަންފަތެއްދީ، އެ އިރުޝާދުތައް އެއްވެސް މިންވަރަކަށް ޤަބޫލުނުކުރުމުގެ ހިތި ނަތީޖާއެވެ. އަހަރެން އެކަން ޤަބޫލުކުރަމެވެ. ރައްޔިތުންގެ ހެވާލާބަޔަށް ސަރުކާރުގެ އިދާރާތަކުން ދެމުންގެންދާ ޚިދުމަތްތައް ހެޔޮހިތުން ބަލައިގަނެ އެގޮތައް ޢަމަލު ނުކުރުމުންނެވެ. ކުޑަކުދިންނަށް ޅަފަތުގައި ކޮންމެހެން ދޭންޖެހޭ ވެކުސިންތައް ނުދިނުމުގެ ސަބަބުންނެވެ. ސަމީރުގެ ހުންނަ ހަރުކަށިފިކުރާ އެއްގޮތަށް، ގަސްތުގައި ނީނާއަށް ވެކުސިން ނުދިނީ އެއީ ދީނުގައި ކުރުން ލާޒިމުކަމަކަށް ނުވެޔޭ ކިޔައިފައެވެ. މިވެނިއެވެނި ބަޔަކުވެސް އެކަން ނުކުރުމަށް ބާރުއަޅައި ފަތުވާދެމުންދާ ކަމަށް ބުނަމުންނެވެ. އަހަރެންނަށް މުޅި ޢުމުރުން ލިބުނު އެންމެ ދަރިއަކު، މި ދުނިޔެ ދޫކުރަންޖެހުނީ، ގައިންގަޔަށްއަރާ ބައްޔެއް ކަމަށް ވާ މީސުލްސް ބަލީގެ ޒަރިއްޔާއިން ޖެހުނު ނިއުމޯނިޔާގެ ޝިކާރަޔަކަށް ވެގެންނެވެ. އެކަމުގައި އަހަރެންގެ އެއްވެސް އިހުމާލެއް، ކުށެއް ނޯންނާނެއެވެ. ނީނާޔަށް ވެކުސިން ދިނުމަށް އަހަރެން އެތައް މަސައްކަތެއް ކުރީމެވެ. އަހަރެން އެ ކަނބުލޮ ގޮވައިގެން ވެކުސިން ދިނުމަށް ދާންއުޅުނު ފުރަތަމަ ދުވަހުވެސް، ސަމީރު އެކަމަށް ހުރަސްއަޅައި، އަހަރެންނަށް އަނިޔާކުރިއެވެ. ނީނާއަށް ދޭންޖެހޭ ވެކުސިންތައް ދިންނަމަ، މާތް ﷲގެ ރަޙުމަތުން އެ ދަރިފުޅު މިއަދު ދުނިޔޭގައި ހުރީހެވެ.

ސަމީރުގެ ދެވަނަ އަނބިމީހާއަށް ދަރިން ލިބިފައިވުމުން ނީނާ ދުނިޔޭގައި ނެތުމުގެ އެއްވެސް އުނިކަމެއް އޭނާޔަށް އިހުސާސެއް ނުކުރެވޭނެއެވެ. ނީނާގެ ޢުމުރުން އެންމެ ހަތަރުހަރުގައި މިދުނިޔެ ދޫކުރުމުންވެސް ސަމީރު ހުރީ އެކަމާ އުފަލުންކަހަލަ ގޮތަކަށެވެ. ދެއްކީވެސް އެކަހަލަ ވާހަކަތަކެކެވެ. އެ ދުވަހު ނުހަނުފުން ހިތާމައިގައި އަހަރެން ހުރީތީ ސަމީރު ދެއްކި ވާހަކަތަކަކަށް އެއްވެސްއެއްޗެއް ނުބުނަމެވެ. އަހަރެން އެ ދުވަހު ހުރީ ވާހަކަދެއްކޭ ވަރަށްވުރެ މާބޮޑަށް ދެރަވެ، ގިސްލެވި، ރޮވިފައެވެ. ސަމީރު ދައްކާ ވާހަކަތަކަށް ދީނީގޮތުން ދޭނެ ޖަވާބެއް ޙަޤީޤަތުގައި އަހަރެންނަކަށް ނުވިސްނުނެވެ. ޚިޔާލަށް ގެންނަން އުނދަގޫވިއެވެ.

ކޮންމެ ދުވަހެއްގެ ފަތިހު އެންމެ ފުރަތަމަ އަހަރެންގެ ކަންފަތުގައި ޖެހޭ އުފާވެރި އަޑަކީ އެމަންޖެގެ ލޯބިލޯބި މަޢުޞޫމު އަޑެވެ. ހޭލެވުމުން އެނދުގައިއޮވެ މަންމާއޭ ގޮވައިލާ އަޑެވެ. އެ އަޑަށް އަހަރެންނަށް ދެވޭ ސަމާލުކަމެވެ. އަހަރެން ގޮސް ނީނާ އެނދުންނަގައި އުރައިލުމުން، އަހަރެންގެ ކަރުގައި ބައްދައިލަމުން މަންމަ ދެކެ އަހަރެން ވަރަށް ލޯބިވެޔޭ ބުނެލާ ގޮތެވެ. އެކަމުން އަހަރެންގެ ހިތަށް ލިބިގެންދާ އުފަލުން އެމަންޖެގެ މޫނަށް ލޯބިންދެވޭ ސުމާރެއްނެތް ގިނަ ދޮންތަކެވެ. އަހަރެންގެ ފުރާނަޔަށްވުރެ ބޮޑަށް ނީނާ ދެކެ އަހަރެން ލޯބިވެއެވެ. އަހަރެންގެ ޚިޔާލުގައި ކުރެހެމުންދަނީ ނީނާގެ މުސްތަޤުބަލަށް ކުރެވޭ އުންމީދުގެ ތަސްވީރީ ކުލަ މަންޒަރުތަކެވެ. ތަޢުލީމީ ރޮނގުން އެ މަންޖެ ގެންދިއުމަށް އަހަރެން ބޭނުންވާ އުސްމިނެވެ. ދަރިއެއްގެ މައްޗަށް މައެއްގެ ހިތުގައި އުފެދޭނެ ލޭގެގުޅުމާ ލޯބި ވަޒަންކުރަން ބައްޕައިންނަށް އެއްގޮތަކަށްވެސް ނޭނގޭނެއެވެ. އެ އިޙްސާސްތައް ތަސައްވުރުކުރެވޭނީ މަޔަކަށް ވުމުންނެވެ. ނިނާއަށް ބަލިވެއިންފަހުން ވިހެއުމާ ދެމެދު ވޭތުވި ދުވަސްތަކަކީ، މުޅިން އެހެން އައު ދުނިޔެއަކަށް އަހަރެންނަސް ގޮސް އުޅެވުނުފަދަ އުފާވެރި، އެހެނަސް ތަކުލީފުތަކެއް އުފުލަން ޖެހުނު ދުވަސްތަކެކެވެ. ބަލިވެއިނުމުގައި އުފުލަންޖެހޭ ތަކުލީފުތަކަކީ، ޠަބީޢިގޮތުން އަންހެނުން އުފުލަންޖެހޭ ގޮތަށްއޮތް ކަމަކަށްވިޔަސް އެކަމުގައި އުފުލަންޖެހޭ ވަރަށްގިނަ ވޭނާ، ތަދާ، ރިހުމާ، މިހެންގޮސް ތަފާތު އެތައްކަމަކަށް ކެތްކުރަން ޖެހެއެވެ. އެތަކެއް ރެއެއްގެ ނިދިން މަޙްރޫމުވެދެއެވެ. ކާހިތްކުޑަވެ ނުކެވޭ އެތައް ދުވަހެކެވެ.

ގުޅުންހުރި ލިޔުންތައް

ސުކޫލުން ގެއަށް ފޯނުކުރުމުން ފޯނުނެގުނީ އަހަރެންނަށެވެ. އެވަގުތު އަހަރެން ހުރީ ނީނާ ސުކޫލުން ނިމިގެން އަންނަން ވާ އިރަށް ކާއެއްޗެއް ތައްޔާރުކުރާށެވެ. ފޯނުން ވާހަކަދެއްކި ކުއްޖާ، ނީނާ ހުންއައިސްގެން އިންކަމަށާ، އޭނާ ގެއަށް ގެންދަން އަވަހަށް އައުމަށް ބުނެފިއެވެ. ކައްކަން ރޯކޮށްފައި ހުރި އުނދުން ނިވާލައި، ކޮޓަރިއަށްގޮސް ބުރުގާ ބޮލަށްވައްޓާލައިގެން ދުވަމުންކަހަލަ ގޮތަލަށް ސުކޫލަށް ހިނގައްޖައީމެވެ. ނީނާ ގޮވައިގެން ސުކޫލުން ގެއަށް އައިއިރު  އޭނާގެ ހުން އެހާގަދައެއް ނޫނެވެ. އެކަމަކު، ހުންހުރުމުން ޕެނަޑޯލް ސިރަޕްކޮޅެއް ދިނުމަށްފަހު އެނދުގައި ބާއްވައިފީމެވެ. ހުންވިހެލިޔަސް، ޕެނަޑޯލް ޑޯޒުގެ ގަޑިހަމަވާއިރަށް ހުންއާދެއެވެ. އަހަރެން ފުރަތަމަ ހީކުރީ އެއީއާދައިގެ ހުމެއްކަމަށެވެ. އިރު އޮއްސުނު އިރުވެސް މުޅިން ހުންވިހެލާގޮތެއް ނުވެއެވެ. އެހެންކަމުން ލަސްނުކޮށް ގުޅިމާލޭގައި ހުންނަ މަލްޓި ސުޕެސިއަލިސްޓް ހޮސްޕިޓަލަށް އެރޭ ނީނާ ގެންގޮސް ދައްކައިފީނެވެ. ޑަކުޓަރ ބެއްލެވުމަށްފަހު އެތަނުގައި ނީނާ އެނދުމަތިކުރަން ކުޑަކުދިންގެ ޚާއްޞަ ޑަކުޓަރ ފައުޒަން ބުނުއްވިއެވެ. ޑަކުޓަރ ދެއްވިލަފަޔާ އެއްގޮތަށް އެތަނުގައި ނީނާ ބޭއްވީއެވެ.  ހަދަންޖެހޭ ޓެސްޓްތައް ހެދުމަށެވެ. ޓެސްޓްނުހަދާ އެއްވެސް ބޭހެއް ދެވެންނެތްވާހަކަ ފައުޒަން ބުނުއްވިއެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ނިނާގެ ގައިގެ ބައެއްތަންނުން ރަތްކުލައިގެ ބިހިގަނޑެއް ފެންނަންހުއްޓެވެ. ހިކިކޮށިއަރައެވެ. އަހަރެން ފުރަތަމަ ހީކުރީ އަރިދަފުސްރޯގާ ޖެހުނީކަމަށެވެ. އެކަމަކު، ގައިގަހުރި އެ ތަންތަނާމެދު ފިކުރުބޮޑުވިއެވެ. އެއީ ހިމަބިހިކަމަށް ވެދާނެޔޭވެސް ހިތަށްއެރިއެވެ. ފައުޒަން ބުނުއްވީ ނީނާގެ އަނގައިތެރޭގައި ހުދުކުލައިގެ ކުދި ތިކިތަކެއްވެސް ފެންނަން ހުރިކަމަށެވެ. ފަހުންއެނގުނު ގޮތުގައި އެ ތިކިތަކަކީ، ކޮޕްލިކްސް ސުޕޮޓްސް އެވެ. އެއީ މީސުލްސް ބަލީގެ ޢަލާމާތެކެވެ. ތަހުލީލީ ރިޕޯޓްތައް ލިބުމުން އެނގުނީ ނީނާ ހުންއަންނަނީ މީސްލްސް ޖެހިގެންކަމެވެ. ހޮސްޕިޓަލުގައި ނީނާ ބާއްވައިގެން ތިބި ދެތިންހަފުތާއެއްހާ ދުވަހުތެރޭގައި، މީސުލްސް ޖެހިގެން ތިން ހަތަރު ކުއްޖަކު އެ ހޮސްޕިޓަލުގައި އެނދުމަތިކުރިތަން ފެނުނެވެ. އޭގެތެރެއިން ދެ ކުއްޖަކީ އޮތޮޅުތެރޭ ދެ ރަށަކުން ގެނައި ކުދިންނެވެ.

ބަލިވެއިނދެ ބަނޑުންތޮޅެލި ފުރަތަމަ ދުވަހަކީ އަހަރެންގެ މުޅިޙަޔާތުގައި އެ ދުވަހުގެ ހަނދާން ދުވަހަކުވެސް ހިތުންނުފިލާނެ އެންމެ އުފާވެރި ދުވަހެވެ. ދަރިއަކު ލިބުންއެދި މެދުނުކެނޑި މާތް ﷲގެ ޙަޟުރަތަށް ކުރަމުން ގެންދިއަ ދުޢާ އިޖާބަކުރެއްވިކަމުގެ އުފާވެރި ހިތްހަމަޖެހުން ލިބުނު ދުވަހެވެ. އަހަރެން ޝުކުރުގެ ސަޖިދަ ކުރީމެވެ. ސަމީރު ގާތުގައި އެ އުފާވެރި ވާހަކަ ބުނަން އަހަރެން ހުރީ ކެތްމަދުވެފައެވެ. އިންތިޡާރު ކުރެވެނީ ސަމީރު ގެއަށް އަންނަން އޮތް ރެއަށެވެ. އެވަގުތަށެ. މަންމަ ގާތުގައިވެސް ނުބުނެ ފުރަމަ އެ ވާހަކަ ބުނަން އަހަރެން ނިންމީ އަހަރެންގެ ފިރިމީހާ ގާތުގައެވެ. އޭނާ ވެސް އެކަމާ އުފާކުރާނެތީއެވެ. އެ ވާހަކަ ބުނާނެ ގޮތަކާމެދެ ހިތުގައި ކުރެވެމުންދާ ޚިޔާލުތައް، އޭނާ އައުމުގެ ވަގުތު ގާތްވިވަރަކަށް ހިތުތެރޭގައި އާވެ އުތުރިއަރަމުންދެއެވެ. އުފާވެރިކަމަކީ ކޮންކަހަލަ އިހުސާސްތަކެއް ކުރެވޭ ކަމެއްކަން އަހަރެންނަށް ދަސްވީ އެދުވަހުއެވެ. އެ އިހްސާސްތައް ދުލުން ނުވަތަ ގަލަމުން ބަޔާންކުރުމީ މުސްކިލްކަމެކެވެ.

އުފަންދަރިޔަކު ހުރުމީ ޙަޔާތުގެ ފަޅުކަންފިލައިދާ ނުހަނު އުފާވެރި ކަމެކެވެ. ދަރިއަކު ނެތުމުން ވެރިވެގެންދާ ކަންތަކީ އޭގެ ދިމާއިދިކޮޅެވެ. އާދެ، ފަޅުކަމެވެ. އެކަނިވެރިކަމެވެ. ޙަޔާތުގެ ހުސްކަމެވެ. ގޭގައި ދިރުމެއް ނެތްކަމެވެ. ފޫހިކަމެވެ. މިއަދު އަހަރެންނަށް ކުރެވެމުން މިދަނީ އެ ހިތްދަތި އަސަރުން ފެރިގެންވާ އިހުސާސްތަކާއި އެ ހުސްކަމެވެ. ސަބަބަކީ، ހަމަ އެންމެ ކަމެކެވެ. ކަންކަމުގެ ޙަޤީޤަތް ޤަބޫލު ނުކުރުމެވެ. އަހަރެންގެ މި ހިތާމަތައް މިއަދު ކިޔައިދީ ހިއްސާކުރުމުގެ އޮތީ ހަމަ އެންމެ ބޭނުމެކެވެ. އެއީ، ޅަފަތުގައި ދަރިންނަށް ދޭންޖެހޭ ހުރިހާ ވެކްސިންތަކެއް ދަރިންނަށް ފުރިހަމަޔަށް ދިނުމުގެ މުހިންމުކަން އެހެން މީހުންނަށް ވިސްނައިދިނުމެވެ. މުސްތަޤުބަލުގެ ޖީލުތަކަކީ ދުޅަހެޔޮ ބަޔަކަށް ވުމަށް އެދިގެންނެވެ. ކުޑަ ކުދިންނަށް ޅަފަތުގައި ކޮންމެހެން ދޭންޖެހޭ ވެކްސިންތައްދީ ހަމަކުރުމަކީ ދަރިންގެ ދުޅަހެޔޮކަމާ، ފުރިހަމަޞިއްޙަތަށްޓަކައި ކޮންމެހެންކުރުން ލާޒިމުކަމެކެވެ. ވެކްސިންތައްދެނީ ގައިންގަޔަށްއަރާ ނުރައްކާތެރި ތަފާތު އެތައް ބަލިތަކަކުން ކުދިން ރައްކާތެރި ކުރުމަށެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރާށެވެ. ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަކީ، އެކަންކަމުގެމައްޗަށް މާތްވެގެން ވާ އިސްލާމްދީން ނުހަނު ބާރުއަޅާ ކަންކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close