ޑިފެންސްގެ ހުރިހާ މުއައްސަސާތަކަށް މިނިސްޓަރ މާރިޔާ ޝުކުރު އަދާކުރައްވައިފި
މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ހުރިހާ މުއައްސަސާއަކަށް މިނިސްޓަރ މާރިޔާގެ ޚާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ މިޚާއްޞަ ޝުކުރު އަދާކުރެއްވީ 2019 ވަނަ އަހަރު، މިނިސްޓްރީ އޮފް ޑިފެންސާއި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މުއައްސަސާތައް ހިންގާފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާހަގަ ކުރައްވާފައިވާތީ ކަމަށް ޑިފެންސްމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
ޑިފެންސްގެ ދަށުން ހިންގާ ހުރިހާ އޮފީސްތަކެއް ރަނގަޅަށް ހިންގާވާތީ އެ ހުރިހާ މުއައްސަސާތައް ހިންގެވުމާ ހަވާލުވެ ތިއްބެވި ވެރިންނަށާއި ހުރިހާ މުވައްޒަފުންނަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ވަނީ ޚާއްޞަ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓްރީ އޮފް ޑިފެންސްއާއި، މިނިސްޓްރީގެ ދަށުން ހިންގާ 5 މުއައްސަސާއާ ގުޅޭ އެންމެހާ ކަންކަން، 2019 ވަނަ އަހަރު ހިންގާފައިވަނީ ރަނގަޅަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހާމަކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީއަށް، މިހިނގާ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުއްވި ސިޓީފުޅެއްގައެވެ.
މަޖިލީހުގެ ސިޓީފުޅާ ގުޅިގެން މިނިސްޓަރު މާރިޔާ ވިދާޅުވީ، ހުރިހާ މުއައްސަސާއެއްގެ މަސައްކަތް މިހާ ފުރިހަމަކޮށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެބިނެޓުގެ އެއްބާރުލެއްވުމާއެކުގައި ކަމަށާއި، އެކަމަށްޓަކައި ރައީސް ޞާލިޙަށާއި ކެބިނެޓަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މަޖިލީހުގެ އަމީން ޢާންމު ސޮއިކުރައްވާ މިނިސްޓަރ މާރިޔާއަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ޤާނޫނު ނަންބަރު 2/68ޖ. (އޮފިޝަލް ކަންތައް ޗެޕްޓަރ 2) ގެ (14) ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް ޑިފެންސްއާއި އެ މިނިސްޓްރީގެ ދާއިރާގައި ހިމެނޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއާއެކު އިތުރު 5 މުއައްސަސާއެއްގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާސާކުރުމަށް 22 ޖަނަވަރީ 2020 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރެއިން އެރިޕޯޓް ބައްލަވައި ދިރާސާކުރެއްވިއިރު، އެރިޕޯޓްގައި މޯލްޑިވްސް ޑިފެންސް ފޯސްއާ ގުޅޭގޮތުން ހިމަނާފައިވާ މައުލޫމާތު ތަކާއި ކަންކަމުގެ ތެރެއިން އިޞްލާހްކުރަންޖެހޭ ވަކި ކަމެއް އެކޮމެޓީއަށް ފާހަގަކުރެވިފައި ނުވާކަމަށާއި އެ މުއައްސަސާގެ ކަންކަން 2019 ވަނަ އަހަރު ހިންގާފައިވާ ގޮތް ރަނގަޅުކަމަށް އެ ކޮމިޓީއަށް ފާހަގަ ކުރެވޭކަމުގައި އެ ކޮމިޓީން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

