ޅެންވެރިކަމީ މޮޅު ފަންނެއް
ޅެންވެރިކަމީ މޮޅުފަންނެކޭ ޢިލްމީގޮތުން ހުރިފެންވަރުން،
ޅެންވެރިހިތެއް އޮތްމީހަކީ މޮޅުމީހެކޭ ޅެންވެރި ރޮނގުން.
އެކިވަޒަނުގައި ޅެންތައް ހަދާގޮތް ދަސްވުމުން ހުރިހުނަރަކުން،
އެކިއެކި ޝުޢޫރާ ފިކުރުތައް ލިޔެވޭނެޔޭ މަދު ލަފުޡަކުން.
ވަކިމީހަކަށް ނިސްބަތްނުކޮށް ކުރެވޭ ޚިޔާލެއް ތެދުބަހުން،
ދަތި އުނދަގުލެއް ނުވެ ލިޔުމުގައި އަތުރާލެވޭނޭ ވަޒަނަކުން.
މެސެޖެއްދެވެން ވާނޭޅެމުން އަސަރެއް ކުރާނޭ މިންވަރަށް،
މެސެޖުންދެވޭ އެޝުޢޫރުގައި ގިނަމީހުނަށް އެނގިދާނެހެން.
މާބޮޑުކަމެއް ނޫނޭމިއީ ދަސްކޮށްލުމުން ޅެންހެދުމަކީ،
މާބޮޑުނުކޮށް ކަންކޮށްލުމުން ޅެންހެދިދެޔޭ ސާދާބަހުން.
ފިލިކޯޅިޔާ ބަނޑުވައްއަކުރު އަދި ކާފިޔާ ހަމަވާގޮތަށް،
ފިލި ހަމަކުރާ ގޮތް ދަސްވުމުން ކުރިޔަށްދެވޭނޭ ފަހިމަގުން.
ޅެންހެދުމުގައި ވިސްނަންޖެހޭ ކަންތައްހުރޭ އެކިރޮނގުތަކުން،
ފަންނުގެތެރަށް ވަދެހޯދުމުން އެނގިދާނެޔޭ ނޯޅޭނެހެން.
އެއްސިފައެކޭ ޅެމުގައިހުރުން އެކުލެވިއެމުނި ބަސްމަގުހުރުން،
އެއްތާލަކަށް އެއްހަމަޔަކުން އެއްރާގަކަށް ދާނޭމަގުން.
ބަނޑުގައި އޮތުން ވަކި މާނައެއް އެގޮތަށް އެކަން އޮތްނަމަވިޔަސް،
އަޑުއިވި އެއިން ވާދޭހައެއް ފެންނަން ޖެހޭނޭ ޅެންތަކުން.
ޢިލްމީގޮތުން މުއްސަނދިކުރުން ޅެން ހެދުމުގައި ބޭނުންކަމެއް،
ޢިލްމީ ލިޔުންތައް ހޯދުމުން އެކަމަށް ލިބޭނޭ ކުރިއެރުން.
ޅެމުގައިމެ ހުރި ނަލަ ފަށުވިކަން މީހުންގެ ހިތްތައް ކަތިލަމުން،
އެމުނުން އޮމާން މިޔުޒިކު އަޑުން ހިތް ފުރިދެޔޭ މޮޅު ޅެންތަކުން.
ހުރުމުންނެ ޝައުޤެއް ކަންކުރަން އެކަމެއް އެގޮތުގައި ކުރެވެނީ،
ކެރުމުން ބުނަންހޭ ދަސްވެޔޭ ފަރުވާވެގެން ކަންކޮށްލުމުން.
ފުދޭވަރެއްވޭ