ނ.ލަންދޫގައި 35 އަހަރުން މަތީގެ ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށް ވެޓަރަންސް ފުޓްސަލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ. މިގޮތުން މި މުބާރާތުގެ ލޯންޗިންގ ސެރަމަނީ ވަނީ މިރޭ ލަންދޫ ސްކޫލުގައި ބާއްވާފައެވެ. މިރަސްމިއްޔާތުގައި ވަނީ އެ މުބާރާތުގައި ވާދަކުރާ 4 ޓީމުގެ ޖާޒީ ދައްކާލުމުގެ އިތުރުން މުބާރާތުގެ ގުރުއަތުލުންވެސް ކުރިއަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރަތަކީ ލަންދޫގައި މީގެކުރިން ފުޓްބޯޅަކުޅެ މިހާރު ކުޅުން ހުއްޓާލައިފައިވާ ބައެއް ކުޅުންތެރިންގެ އިސްނެގުމުގެ މަތިން ރޭވިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ލަންދޫގައިތިބި 35 އަހަރުންމަތީގެ ހުރިހާ ކުޅުންތެރިން ހިމެނޭގޮތަށް މިހާރުވަނީ 4 ޓީމަކަށް ބަހާލެވި މި ހަތަރުޓީމަށް ލަންދޫގެ އާސާރީ ބިނާ އާއި އާސާރީ ސަރަހައްދުތަކުގެ ނަންތައް ދިރޭނެހެން ޓީމުތަކަށް ނަންތައް ދެވިފައެވެ.
މި މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން މަޢުލޫމާތު ދެއްވާގޮތުގައި މި މުބާރާތް ކުރިއަށް ގެންދެވޭނީ އަލްޙާޢީދުގެ އުފަލާއި ގުޅުވާލައިގެން އަލްޙާޢީދުގެ ފުރަތަމަ ރެއިން ފެށިގެން ކޮންމެ ރެއަކު 2 މެޗުކުޅެ ކޮންމެޓީމެއް ކޮންމެޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލް ކުޅޭ ގޮތަށެވެ.

ނ.ލަންދޫ އަކީ މީގެ ކުރިންވެސް “ހޮލިޑޭކަޕް” ގެ ނަމުގައި ވަރަށް ފޯރިގަދަ ފުޓްބޯޅަ މުބާރާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ރަށަކަށް ވުމާއިއެކު އެރަށުގައި ދިރިއުޅޭ ފުޓްބޯޅައަށް ލޯބިކުރާ ރައްޔިތުންގެ އުންމީދަކީ އެރަށުގައި މިރޭ ލޯންޗުކުރެވިގެން ދިޔަ ވެޓަރެންސް ފުޓްސަލް މުބާރާތަކީވެސް ފޯރިގަދަ ކާމިޔާބު މުބާރާތަކަށް ވެގެންދިއުމެވެ.


