ޚަބަރު

ކުރިމަތި ލައިފައިވާ ކެނޑިޑޭޓުންގެ ނަން އަނބުރާ ނެގުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމި ކައުންސިލް އިންތިޚާބު އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށް އަދި އެތާރީޚްގައިވެސް އިންތިޚާބު ނުބޭއްވި ޤާނޫނުގައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ނުބޭއްވޭނެތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޤާނޫނު އަސާސީއަށް އިސްލާހް ގެނެސްގެން ދައްމާލާފައިވަނިކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ފުރުޞަތު އެލެކްޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020″ގައި ވާގޮތުގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު، މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.

“ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020″ގައިއިވާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިއަހަރު ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެނޑިޑޭޓުންނެވެ. އެ މާއްދާގައި އެހެން އޮތްނަމަވެސް، ކެނޑިޑޭޓަކު އަނބުރާ ނަން ނަގަން ބޭނުންވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތެއްގެ ތެރޭގައި އަނބުރާ ނަން ނެގުމަކަށް އެ މާއްދާ ހުރަހެއް ނަޅާ ކަމަށް ބުނެފައިވެއެވެ. އަދި އިންތިޚާބުކުރަން ޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކުގައި ހޮވިފައިވާ މެމްބަރުން އެގޮތުގައި ބަލައިގަންނަން ވާނެ ކަމަށްވެސް އެޤާނޫނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޢިއުލާނެއްގައި ވަނީ ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމުން ކަމަށެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފޯމް ބަލައިގަތުމަށް ހަމައެކަނި ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން މިކަމަށް އެދޭ ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި އެ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ލިބެން ހުންނާނެކަމަށާއި ފޯމު ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށްކަމަށްވަނީ ހާމަކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close