ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހެނީ ދިވެހި ރައްޔިތުންނަށް އެކަންޏެއްނޫން – ޑރ.ނަޒްލާ
ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހެނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް އެކަނި ނޫންކަމަށާ، ރާއްޖޭގައި ދިރިއުޅޭހައި ބަޔަކަށް ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިރޭ ޑރ.ނަޒްލާ މިހެން ވިދާޅުވީ ބިދޭސީންނަށް އަދަބު ކުޑަވާގޮތަކަށް ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
ކޯވިޑް-19އާ ގުޅިގެން އެންމެ ބުރަކޮށް މަސައްކަތްކުރައްވަމުންދާ ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ދިވެއްސަކަށްވިޔަސް ބިދޭސީއަކަށްވިޔަސް އެމީހަކަށް ދޭންޖެހޭ އިޙްތިރާމާއި ޤަދަރު ދޭންޖެހޭނެކަމަށެވެ.
އަދި ޚާއްސަކޮށް ޞިއްޙީ މިފަދަ ބޮޑު ބަލިމަޑުކަމެއްގައި އެއްވެސް އިންސާނެއްގެ މެދުގައި ތަފާތުވާނޭގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ އާންމު ޞިއްޙަތު ޤާނޫނާވެސް ކަނޑައެޅިގެން ޚިލާފް ކަމެއްކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ދިރިއުޅޭ ކޮންމެ ޤައުމެއްގެ ކޮންމެރައްޔިތަކަށްވެސް ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ޤާނޫނުގެދަށުން ދައުލަތުގެމައްޗަށް ލާޒިމް ކަމެއް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ބައެއްމީހުންގެ ވިސްނުން ހުންނަނީ ވަކިޤައުމެއްގެ މީހަކަށް ބަލިޖެހުމުން ރާއްޖޭގެ މީހުންނަށް އެކަމުގެ ނުރައްކާ ބޮޑުވެ ބަލި ފެތުރިގެންދާނެކަމަށް ޤަބޫލުކުރެވޭ މޭރުމަކުންކަމަށެވެ.
ނޫސްވެރިޔާ ސުވާލުކުރެއްވި ގޮތުން ޑރ.ނަޒްލާ މިރޭވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެއްވެސް ބަލިމަޑުމަކީ ވަކި ނަސްލަކަށް ވަކި މީހަކަށް އޮތް ބައްޔެއްނޫންކަން ޤަބޫލުކުރަންޖެހޭކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
ޑރ. ނަޒްލާ ނުރުހުން ފާޅުކުރެއްވި ސުވާލު ކުރެއްވި ނޫސްވެރިޔާ ކުރި ސުވާލުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ މުޚާތަބުކޮށް ބޭނުންކޮށްފައިވަނީ “ބަންގާޅީން” މިހެންނެވެ. ޑރ.ނަޒްލާ ފާހަގަކުރެއްވީ އެއީ އިޙްތިރާމް ކުޑަ މޭރުމަކުން ވާހަކަދެއްކުން ކަމުގައެވެ.
އެ ނޫސްވެރިޔާ ސުވާލު ކުރަމުންދަނިކޮށް ޑރ.ނަޒްލާވަނީ އެވާހަތައް ހުއްޓުވައި އެއްވެސް ޤައުމެއްގެ މީހަކާމެދު އެފަދަ ގޮތަކަށް މުޚާތަބް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ދެއްކެވި ވާހަކަ ފުޅުތަކަށް ސޯޝަލްމީޑިއާގައި ގިނަބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.
