ވާހަކަމުނިފޫހި

އޯކިޑް (ދެވަނަ ބައި)

އޯކިޑް (ދެވަނަ ބައި)

އެންމެފަހުން ރިސޯޓަކަށް ދާން ނަތާޝާ ނިންމިއެވެ. އުފާވެރި މުސްތަގުބަލެއް ހޯދުމުގެ ނިޔަތުގައެވެ. ފައިސާއަކީ ދިރިއުޅުން ކަމުގައި އެންމެންވެސް ގަބޫލުކުރެއެވެ. ހަޤީޤަތުގައި ފައިސާއަށް ވުރެ ރިއުޝާން މަތިން ހަނދާންނައްތައިލުމާއި ގޭތެރެއިން ލިބޭ އަނިޔާތަކުން ސަލާމަތްވުން ނަތާޝާއަށް މިހާރު މާ މުހިއްމެއެވެ. މަންމައާއި ދޮންބައްޕަގެ ފަރާތުން ލިބޭ އަނިޔާ އެއީ ކެތްކުރެވޭނެ ކަމެއްނޫނެވެ.

ރަށާއި ވަރަށް ދުރު ރިސޯޓެއްކަމުގައިވާ ” އޮޅުވެލި “ރިސޯޓުގައި ނަތާޝާ މަސައްކަތް ކުރަމުން ދިޔައީ ހިތި މާޒީ ހަނދާނުން ފޮހެލަމުންނެވެ. މީހުން އަބަދުވެސް ބުނެއެވެ.” ފަހަތަށް ބަލައިގެން ދުވަހަކުވެސް ކުރިއަކަށް ނުދެވޭނެއެވެ.” އެހެންކަމުން ނަތާޝާގެ ދިރިއުޅުން ބަދަލުކުރަން އޭނާ ބޭނުންވެއެވެ. ރިސޯޓުގައި ހޭދަވި ފުރަތަމަ ދުވަސްކޮޅު ވަރަށް ބޮޑަށް ފޫހިކަން ނަތާޝާނަށް އިހުސާސް ކުރެވުނެއެވެ. ސަބަބަކީ އެ ރަށުން ދިމާވަނީ މުޅިންވެސް އައު މެހުމާނުންނާ ކަމުގައިވާތީއެވެ. އެހެނަސް ދުވަސް ކޮޅެއް ފަހުން ގިނަ ރަހުމަތްތެރިން ތަކެއް އޭނާއަށް ލިބިއްޖެއެވެ.

ގުޅުންހުރި ލިޔުންތައް

    ހެނދުނުގެ ޑިއުޓީ ނިންމާލުމަށްފަހު ކޮޓަރިއަށް އައިސް އެނދުގައި ނަތާޝާ ފަރުވާކުޑަގޮތަކަށް ޖައްސައިލީ ނިދޭތޯއެވެ. ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުން ވަރަށް އަވަހަށް އޭނާއަށް ނިދިއްޖެއެވެ. ނަތާއަށް ފެންނަމުންދަނީ ރީތި ޒުވާނަކު އައިސް އޭނާގެ އަތުގައި ހިފާތަނެވެ. ދެން އޭނާ ވަރަށް ލޯބިން މިހެން ބުނަން ފެށިއެވެ. “ރެއާއި ދުވާލު އަހަރެން ކަލާ ދެކެ ލޯބިވަން. އެކަމަކު އެކަން ކަލާއަށް ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެން ދިރިއުޅެމުން މިދަނީ ކަލާގެ ހަނދާން ތަކުގަ. އަހަރެންގެ ހިތް ދުވަހަކުވެސް ކަލާމަތިން ހަނދާން ނެތިގެން ނުދާނެ. ކަލާގެ މާނައަކީ އަހަރެންގެ މުޅި ދިރިއުޅުން. މި ދިރިއުޅުމުގައި އަހަރެންގެ ހިތުގެ ވިންދު ޖަހަމުންދަނީ ހަމައެކަނި ކަލާ ބޭނުންވެގެން އެކަމުގެ އެދުމުގައިކަން ޔަޤީން.”

ކުއްލިއަކަށް ނަތާޝާނަށް ހިނިތުން ވުމަކާއި އެކު ނިދީގައި މޯޅިއަކަށް ދެމިލެވުނެވެ. އެ މޯޅިއާއި އެކު ދެ ލޯ މަޑުމަޑުން  ހުޅުވުނެވެ. ބާލިސް ގަޔާއިކައިރި ކޮށްލުމަށް ފަހު ފެނުނު ހުވަފެނާއި މެދު ފިކުރަން އޭނާ ފެށިއެވެ. އެހެނަސް އެހުވަފެނުގެ މާނައަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގުނެވެ. އަނެއްކައި ލޯބިވެރިއަކު އަލުން ލިބެން އުޅެނީބާއެވެ؟ ޝަބާބުގެ ގުލްޝަނުގައި ކުލަކުލައިގެ މާތައް ފޮޅެން ފެށީ ނޫންބާއެވެ؟ އެމާތަކުން ފޮނިބުއިމަށް މާބުރުތަކާއި ކޮކާ ފަރިއަޅަނީ ބާއެވެ؟ ފިކުރުކުރަން އޮތްވާ އަނެއްކާވެސް އޭނާއަށް ނިދުނެވެ.

     އެނދުމަތިން ތެދުވެގެން ގޮސް ނަތާޝާ ފާޚާނާއަށްވަނެވެ. ފެންވަރަން ހުރިއިރުވެސް އޭނާ ވިސްނަނީ އެހުވަފެނާއި މެދުގައެވެ. ފާޚާނައިން ނިކުމެ ގަޑި ބަލައިލިރު 6 ގަޑި ފަންސަވީސް ވަނީއެވެ. އޭރު އިރުއޮއްސި އަނދިރިކަމުގެ ފޭރާން މުޅި ރަށް އެކީގައި ލަމުންދަނީއެވެ. މިރޭ ޑިއުޓީއަށް ދާން ނުޖެހޭތީވެ ކުޑަކޮށް ފޫހިކަން ނަތާޝާއަށް އިހުސާސް ކުރެވެންފަށައިފިއެވެ. މި ފޫހިކަން ފިލައިގެން ދިޔައީ އޭނާގެ އެކުވެރި މަރީ ގުޅުމުންނެވެ. އޭނާ އެދުނީ ކޮފީ ހަޓަށް އައުމަށެވެ. މަރީގެ އެދުމަށް ދެކޮޅު ހަދަންބޭނުމެއް ނުވިއެވެ.

އަވަސް އަވަހަށް ރީތިވެލައިގެން ކޮފީ ހަޓާއި ދިމާލަށް އޭނާ މިސްރާބު ޖެހިއެވެ. ނަތާޝާ ލައިގެން ހުރި ހުދުކުލައިގެ ޝުކާޓުގެ އެއްފަރާތުގައި އިން ފިޔާތޮށި އޯކިޑު މަލުގެ ވަސް ޒުވާން ފިރިހެން ކުދިންނަށް ނުދުވި ކަމުގައިވިޔަސް، މަތިންލައިގެން ހުރި ވިލުނޫ ކުލައިގެ ހެދުމަށް ޖަހަފައި ހުރި “ގުޓްގާލް” ސެންޓުގެ މީރުވަސް އެ ޒުވާނުންނަށް ދުވާނެކަން ޔަގީނެވެ. އޭނާ ފަރިގޮތަކަށް ހިނގަމުން ދިޔައީ ކޮފީ ހަޓާއި ދިމާލަށެވެ. “ހާދަ ފަރިވެގެން” މަރީ ބޯން އިން ސިނގިރޭޓްގެ އަޅި ކަނޑާލިއެވެ. ” މަރީ ތިކަން ހުއްޓާކަށް ނޫޅެންތަ؟” ނަތާޝާ ރުންކުރުގޮތަކަށް ވާހަކަ ދެއްކިއެވެ. “އެހާވަރަކުން މިތަނަށް އަންނާށޭ ބުނީ ޚާއްސަ ކަމެއް އޮތީތަ؟ މަރީ ގެނެސްދީފައި ހުރި ކޮފީތަށިން ފޮދުވަރެއް ނަތާ ބޯލިއެވެ. ” ހާދަ ކެތްތެރިކަމެއް ނެތޭ ދޯ؟ މަޑުން އިނދޭ! އިރުކޮޅަކުން މިތަނަށް އަންނާނެ ފިރިހެން ގުރޫޕެއް ކަލޭގެ ފޫހިފިލުވައިދޭން”. މަރީ ލާނެތް ގޮތަކަށް ހީލިއެވެ.

“އަހަރެން ހީކުރީ މަރީގެ ސީރިއަސް ބިޓެއް ހުންނަ ކަމަށް”. ނަތާ ސީރިއަސް ވިއެވެ. ” އޯ ކަމޯން. ނަތާ! ޑޯންޓް ބީ ސޯ ޑްރެމެޓިކް. މިތާ އުޅޭ ގިނަމީހުން އުޅޭނީ މިހެން. ސީރިއަސް ބިޓެއް ނުހުންނާނެ. ބިޓެއް ނެގިޔަސް ކަމުނުދަންޏާ ދުވަސްކޮޅަކުން ބަދަލުކޮށްލާނެ.” މަރީގެ އުޅުމާއި މާތް އަޚްލާގު ސީދާ އޭނާގެ ދުލުން އިވުމުން ނަތާ ހުރީ ޙައިރާންވެފައެވެ. އެވާހަކަ އަޑު އިވުމުން ލޯތްބަކީ ކުޅިވަރެއް ކަމުގައި އެމީހުން ދެކޭތީ އެކަމާ އޭނާ ނަފުރަތު ކުރިއެވެ. މާރީ ދައްކަން ފެށި ވާހަކަތަކުން އޭނާ ކަރުބުޑުގައި ހިތި ރަހަލީހެން ވެސް ހީވިއެވެ. މޫނުމަތިން ހިނިތުންވުން ދެއްކިޔަސް އެތެރެއިން ދަތްކުނޑިވިކައިގެން އޭނާ އިނެވެ. “ނަތާއަށް ކަމުދާ ކުއްޖަކާ ދިމައެއް ނުވޭތަ؟” މަރީ އޭނާގެ ގުރޫޕަށް ނަތާ ވެއްދުމަށް ބޭނުންވިއެވެ. ” މަ ދޯ… އަދި ތިކަހަލަ ކަމަކާ ނުޅެން. ތިޔަބުނާ ވަރުގެ ރަނގަޅު ފިރިހެންވަންތަ ޒުވާނަކު އުޅޭތަ؟” ނަތާވެސް މަރީގެ ވާހަކަގައި ބައިވެރިވިއެވެ.

އެހެނަސް ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އެތަނުން އަންނަން ޖެހުނީ ބޮޑުމީހާ ގުޅުމުންނެވެ. އަދި އެރޭ ފަތިހު ފަސްގަޑި ފަނަރާގައި ފަތުރުވެރިން ފުރުމަށް ހަމަޖެހިފައިވާ ވާހަކަ ބުންޏެވެ.

 ނަތާޝާ އުޅޭ “ބުލޮކާއި”އަރާ ހަމަވިރު އެތަނުގައި ހުރި ލަކުނޑި ދިގު ގޮޑިއެއްގައި އޫޝާ އާއި އަސްނާ އިށިއިދެލައިގެން ތިއްބެވެ. “ކޮބާ؟ މިހާރު ހާދަ ނުފެނޭ؟ ކޮޓަރިކަމަނަ ހެދިގެން އުޅޭކަށެއް ނުވާނެ.” އޫޝާ ކުދި ކިޔަން ފެށިއެވެ. “ނަތާ އަދިވެސް ބިޓެއް ނަގާކަށް ނޫޅެންތަ؟” އަސްނާ ލާނެއް ހިނިގަނޑަކާއި އެކު ނަތާޝާއާއި ވާހަކަދެއްކިއެވެ. އަނެއްކާވެސް ދެންމެ ދެއްކި ވާހަކަތައް ތަކުރާރުވީއެވެ. އޭނާގެ މޫނު މަތީގެ ކުލަ ފަނޑުވިއެވެ. ދޭނެ ޖަވާބަކާއި މެދު ވިސްނާލިއެވެ.

( ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close