ރަނގަޅުވީ ދެ މީހުން މުޅިން ދޫކޮށްލާނީ 30 ދުވަސްފަހުން
ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި ދެމީހުން ދޫކޮށްލާނީ 30 ދުވަހު ކަރަންޓީން ކުރުމަށްފަހު އަލުން ޗެކްކޮށް އެބައްޔަށް ނެގެޓިވްވެފައިވާކަން ކަށަވަރު ކުރުމަށްފަހުކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތު ހާމަކޮށްދެއްވަމުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒު ވިދާޅުވީ މިއަދަކީ މިބައްޔާދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނު ދުވަހެއްކަމަށެވެ.
ކޯވިޑް ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން އެންމެ ޙާލުސީރިއަސްވި މީހާ ރަނގަޅުވުމަކީ މިބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއްކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ ބަލިން ރަނގަޅުވި 2 މީހުންވެސް ދޫކޮށްލާނީ އިތުރު 30 ދުވަހުގެ ކަރަންޓީގެ މަރުހަލާއަކަށްފަހުގައިކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރުނަނުދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައިސޮލޭޝަން ފެސިލިޓީސްތަކާއި، ކަރަންޓީން ފެސިލިޓީސްތަކުގައި މިވަގުތު ތިބިމީހުންގެ ތަފްސީލްވެސް މަބުރޫކްވަނީ ދެއްވާފައެވެ.
އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިމީހުން
ވިލިވަރު – 28 މީހުން
ހުޅުމާލެ ކަރަންޓީން ފެސިލިޓީ، އެޗްއައިއެޗް – 120 މީހުން
ފަރުކޮޅުފުށި – 0
ޑީއެެޗް 11 – 3 މީހުން
ވެލިދޫ – 15 މީހުން
ފަން އައިލެންޑް – 59 މީހުން
މަބުރޫކް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުންދާ މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މިކަމުގައި ޑޮކްޓަރުންގެ ޓީމުން ކުރައްވަމުންދާ މަސައްކަތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

