ޚަބަރު

ކޮވިޑް-19: ވިލަމެންދޫ ، ކަރަންޓީނުން ދޫކޮށްލައިފި

އ.ދ ވިލަމެންދޫ ރިޒޯޓުން ކޯވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި މީހާގެ ނަތީޖާ ނެގެޓިވް ވުމުން އެރަށް ކަރަންޓީނުން މިވަގުތަށް ދޫކޮށްލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ކޮންޓްރެކްޓް ޓްރޭސިން ހަދާ ނިމުމުން އެރިޒޯޓަށް އަރާ ފޭބުމުގައި މިހާރު ހުރަހެއް ނެތް ކަމަށެވެ.

ރާއްޖެއިން މިހާރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ މުޅިން ބިދޭސީންނެވެ.

ކޯވިޑް-19ގެ ޢަލާމާތްތައް ހުރިކަމަށް ބެލެވިގެން ޓެސްޓް ކުރި 2 ދިވެއްސެއްގެ ގައިގައި ވައިރަހުގެ އަސަރެއް ނެތްކަން ޓެސްޓްތަކުގެ ނަތީޖާއިން ވަނީ ދައްކާފައެވެ.

ކޯވިޑް-19ގެ ޢަލާމާތްތައް ހުރިކަމަށް ބެލެވިގެން މިހާތަނަށް 73 މީހުން ޓެސްޓް ކޮށްފައިވާއިރު، 65 ފަރާތެއްވަނީ ކޯވިޑް 19 އަށް ނެގެޓިވްވެފައެވެ.

ކޯވިޑް-19 ން ރައްކާތެރިވުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ މިދަނޑިވަޅުގައި ޗައިނާ ފިޔަވައި މިވައިރަސް އެންމެބޮޑަށް ފެތުރެމުންދާ އިޓަލީވިލާތުން ރާއްޖެއައި ދެ ދިވެހިން ކަރަންޓީން ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވާ ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

އެގޮތުން އިޓަލީވިލާތުގެ ރޯމުން ފުރައިގެން ރާއްޖެ އައި ދެ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަންރަންޓީން ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން އިޓަލީއިން ރާއްޖެއަށް އަންނަ ޑައިރެކްޓް އަދި ޓްރާންސިޓް ފްލައިޓްތައް ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް އިޓަލީގައި ތިބި ދިވެހިންނަށް ރާއްޖެއައުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. މީގެ ކުރިންވެސް އިޓަލީން އައި ދިވެއްސަކުވަނީ އެކަހެރިކޮށްފައެވެ. އެހެންނަމަވެސް އެމީހާ ކޯވިޑް-19 އަށް ވަނީ ނެގެޓިވްވެފައެވެ.

ކޯވިޑް-19 ގެ ސަބަބުން ބަންދުކޮށްފައިވާ ޤައުމުތަކާއި ސަރަޙައްދުތަކުން އަންނަން ބޭނުންވާ ދިވެހިންނަށް އެމީހަކު ހުރި ޤައުމެއްގެ އެމްބަސީ މެދުވެރިކޮށް އެހީތެރިކަމަށް އެދެވިދާނެ ކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 މެދުވެރިކޮށްވެސް މިކަމަށް އެދެވޭނެއެވެ.

ހަމައެއާއެކު މިދުވަސްވަރުކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށާއި މިފަދަ ގޮތަކަށް ކުރާ ދަތުރުތައްވެސް ކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް އެމިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އެޤައުމެއްގައި ހުންނަ ނުވަތަ އެޤައުމަކާއި އެންމެ ގާތުގައި ހުރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ފޮރިންގ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close