އެމްޑީއެންގެ ރިޕޯޓް ގޯސްކަމަށް ނަޝީދުވެސް އެއްބަސްވެވަޑައިގެންފި
މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކުން ނެރުނު ރިޕޯޓުގައި މުސްލިމުން ދައްކައިގެން ނުވާނެ ވާހަކަތައް އެބަހުރިކަމަށް ވިދާޅުވެ އެރިޕޯޓާއި މެދު ހިތްޕުޅާނުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ހާމަ ކުރައްވައިފިއެވެ.
އެމް.ޑީ.އެން ގެ އެ ރިޕޯޓާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ރިޕޯޓް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި ނުރަނގަޅު ކަންކަން އެ ރިޕޯޓުގައހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. ނަޝީދު ވިދާޅުވީ އެއިން އެއްކަމަކީ، މާތްﷲ އާއި ކީރިތި ރަސޫލާ އާއި ބެހޭގޮތުން އެކަށީގެންނުވާ ބަސްތަކެއް ގެނެސްފައިވުންކަމަށެވެ.
ނަޝީދު ވިދާޅުވީ އެފަދަ ބަސްތައް ބޭނުންކުރުމަކީ މުސްލިމުން ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭގޮތުން އެރިޕޯޓްގައި ލިޔެފައިވަނީ، ދީން ދެނެވަޑައިގަންނަވާ ބަޔަކު ބަހުސްކުރާ ނުކުތާތަކެއްކަމަށެވެ، އެހެންކަމުން އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަދެއްކުން ރަނގަޅު ނޫންކަމަށެވެ.
ކުރީގެ ރައީސް ނަޝިދު މިހެން ވިދާޅުވެފައި މިވަނީ އެ ރިޕޯޓާއި ގުޅިގެން އެމަނިކުފާނު ކުރިން ކުރެއްވި ޓްވީޓަކީ އެމްޑީއެންގެ ދިފާއުގައި ކުރެއްވި ޓްވީޓެއްކަމަށް ބުނެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
މި މައްސަލާގައި ނަޝީދު ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދީނަށްކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ރޭ ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލާގައި ފުރިހަމަ ތަހުޤީޤެއް ކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

