ވެމްކޯގެ މުވައްޒަފަކަށް މަގުމަތިން ޙަމަލާދޭ ވީޑިއޯއެއްގެ މައްސަލަ ފެންމަތިވެއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކަށް ޕްލާސްޓިކު ހޮޅިބުރިއަކުން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލްވެ އެމައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެވީޑިއޯގެ މައްސަލަ ފުލުނުންގެ ސަމާލުކަމަށް އައިސް އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
“އެ މައްސަލައިގެ ތަހުގީގު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން މިހާރު ވަނީ ފަށާފައި” ފުލުހުން ބުނެފައިވެއެވެ.
މި ވީޑިއޯ އާންމުވެފައިވަނީ ސޯޝަލް މީޑިއާގައެވެ. ކޮން ތާރީހެއްގެ ވީޑިއޯއެއްކަން ސާފެއް ނޫނެވެ. ވެމްކޯ މުވައްޒަފަކާއި ދިމާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް އެސްލޯން ހޮޅިބުރިއަކުން ތިން ހަތަރު ފަހަރު އެ މުވައްޒަފަށް މީހަކު ހަމަލާދޭ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.
މަގުމަތިން މިފަދަ ގޮތްގޮތަށް ޢާއްމުންގެ ތެރޭގައި މާރާމާރީ ހިންގުން މިދުވަސް ކޮޅު ތަންކޮޅެއް މަދުވެފައި ވަނިކޮށް މިވީޑިއޯގެ ސަބަބުން އަނެއްކާވެސް މާރާމާރީ ތަކުގެ ނުރައްކާ އިތުރުވެ ޢާއްމު ޚިދުމަތްދޭ މިފަދަ މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އިތުރުވުމުގެ ފުރުޞަތު މިވަނީ ބޮޑުވެފައެވެ.

