އެކުވެރިންނޭ
އެކުވެރިންނޭ…
ޅެން: ޢަލީ ޒިޔާދު / ލަންދޫ (ޢ.ޒ)
އިއްވަމޭ ހެޔޮބަސްތަކެއް ކަނުލާ ނިކަން އަހާށޭ
އިއްވަމުން ނަފުސަށްމަގޭ ހެޔޮބަސްތަކެއް އަހާށޭ
ލިބި މިވާ ފުރުޞަތު އެދޭ ދޫކޮށް މިތާ ނުލާށޭ
ލިބި މިތާ ހެޔޮ މޫސުމޭ ހެޔޮކަން އަދާ އުޅޭށޭ
ހެޔޮޢަމަލު ކެތްތެރި ވެގެން ކުރުމަށް މިތާ އުޅޭށޭ
ހެޔޮކަމުގެ ތިލަފަތައް ބަރު ވާނޭ ގޮތަށް ކުރާށޭ
ދަތިޙާލުގައި ވިޔަސް ހެޔޮ ދީލަތިވެގެން އުޅޭށޭ
ދަތިކަން ނުވޭ އެދުވަހުން ހެޔޮފޯރުވާ އުޅޭށޭ
ގިނަވާ ގޮތަށް ވަގުތުތައް ތާވަލު މިތާ ކުރާށޭ
ގިނަ ހެޔޮކަމެއް ވެވޭހެން އެކަހެރިވެލާ އުޅޭށޭ
ވޭނުގައި ކެތްތެރިވަމުން ރޭ އަޅުކަމެއް ކުރާށޭ
ވޭން އަޅާ ދުވަހޭ އޮތީ ވިސްނާ ހުރެ ކުރާށޭ
ސުންނަތަށް އުޅުމަށް ތިބާ ހީވާގި އަދު ވެލާށޭ
ސުންނަތުގަ ޘާބިތުވެލަން ޢަޒުމެއް މިތާ ކުރާށޭ
ކުށްތަކޭ ފެންނަން އޮތީ ހިތްދަތި ތިބާ ނުވާށޭ
ކުށްތަކާ ދުރުހެލިވެގެން ތައުބާ ވެގެން އުޅޭށޭ
