ބޭރުދުނިޔެ

ޙަމަލާތައް ދިނުމުގެ ކުރިން އެކަމުގެ އިންޒާރުތައްވަނީ ލިބިފައި – ލަންކާ ބޮޑުވަޒީރު

ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި ދިން ބޮމުގެ ޙަމަލާތައް ދިނުމުގެ ކުރިން އެކަމުގެ އިންޒާރުތަކެއް އެ ޤައުމުގެ ރަސްމީ އިދާރާތަކަށް ލިބިފައިވާކަމަށް އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާ ވިދާޅުވެއްޖެ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ދަ ނިވްޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވަނީ ރިޕޯޓެއްގައިވަނީ ޙަމަލާތަށް ދިނުމުގެ ކުރިން އެކަމުގެ އެކި އިންޒާރުތައް އެޤައުމުގެ ސަލާމަތީ އިދާރާތަކަށް ލިބިފައިވީނަމަވެސް، އެއްވެސް މަޢުލޫމާތެއް އެމަނިކުފާނަށްވެސް އަދި ކެބިނެޓްގެ އެއްވެސް މިނިސްޓަރަކަށްވެސް ލިބިވަޑައިގެންފައިނުވާމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާ ވިދާޅުވިކަމަށެވެ. މި ބައްދަލުވުމުގައި ރަނިލްވަނީ ލަންކާއިން ޓެރަރިޒަމްއާއި ދެކޮޅަށް ގެންގުޅެނީ، ޒީރޯ ޓޮލަރެންސްކަމާއި ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުއަޅުއްވާނެކަމުގެ އިންޒާރު ދެއްވާފައެވެ.

މީގެ އިތުރުން، ލަންކާގެ މިނިސްޓަރ އޮފް ޓެލެކޮމިއުނިކޭޝަން، ޑިޖިޓަލް އިންފްރާންސްޓްރަކްޗަރ ފޮރިން އެމްޕްލޮއިމެންޓް އެންޑް ސްޕޯޓްސް މާނޯ ގަނޭސަން ވަނީ ލަންކާގެ މިނިސްޓީރިއަލް ސެކިއުރިޓީ ޑިވިޝަންއަށް މިފަދަ ޙަމަލާތަކެއް ދޭން އުޅޭ ކަމިގެ މަޢުލޫމާތު ލިބިފައިވާކަމަށް ވިދާޅުވެ މީގެ ހަފްތާއެއްހާ ދުވަސްކުރިން ޓުއީޓެއް ކުރައްވާފައެވެ.

ސްރީލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު 207 އަށްވުރެ އިތުރުކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި އެހެން ޤައުމުތަކަށް ނިސްބަތްވާ 30 މީހުން ހިމެނޭކަމަށާއި ޒަޚަމްވި މީހުންގެ އަދަދު 450 އަށްވުރެ އިތުރުކަމަށްވެސް އެޤައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ. ފައްޅިތަކަކާއި ބައެއް މަތީ ފަންތީ ހޮޓާތަކަށް ދިން ޙަމަލާތަކާ ގުޅިގެން މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް އެޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close