ރަން ބިސް ކުކުޅު
އެއްސަހަރެއްގައި ދިރިއުޅުނު ދެމަފިރިންނެވެ. މިދެމަފިރިންގެ ކުޑަ ފިރިހެން ކުއްޖަކު ހުރެއެވެ. އެއީ ނާއިދެވެ. އެކުޑަ އާއިލާ ކާންބޯން ކުރާ މަސައްކަތަކީ ޖަނަވާރު ގެންގުޅުމެވެ. ގެރިއަކާއި ދެ ބަކަރިއާއި ހަތަރު އަސްދޫންޏާއި ތިން މުސަޅާއި ނުވަ ކުކުޅު އެދެމަފިރިން ބަލަހައްޓަމުން ގެންދިޔައެވެ. އޭގެ ތެރޭގައި ގެންގުޅުނު ކުކުޅުތަކުން އެއްކުކުޅަކީ، އާދަޔާ ޚިލާފަށް ގިނައިން ބިސް އަޅާ ކުކުޅެކެވެ. ދުވާލަކު ވިއްސަކަށް ބިސްއަޅައެވެ. މިކަމާ މިދެމަފިރިން ވަރަށް އުފާވެއެވެ. އަދި އެ ކުކުޅަށް ރަނގަޅަށް ކާންދީހަދައެވެ. އެހެން ކުކުޅުތަކާއި ވަކިން ބޮޑު ކޮށްޓެއް ތައްޔާރުކޮށް މި ކުކުޅާއި އިތުރު ދެކުކުޅާއި ހާލެއް އެކޮށްޓަށް ލިއެވެ.
ނާއިދުވެސް މަންމަމެންނާއިއެކު ޖަނަވާރުތައް ކައިރިއަށް ގޮސް އެމީހުންނަށް އެހީވުމުގައި ވަގުތު ހޭދަކުރެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް ނާއިދުގެ މަންމަ އޭނާއަށް ކޮންމެވެސް ޖަނަވާރެއް އުޅޭ ވާހަކައެއް ކިޔައިދެއެވެ. ރަންބިސް އަޅާއަސްދޫނި ވާހަކަވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ކުކުޅު އަޅާ ބިސްތައް ވިއްކައިގެން ރުފިޔާ ލިބެއެވެ. އެހެނަސް އެލިބޭ ރުފިޔާ އިން ކިރިޔާ ހުރިހާ ޚަރަދެއް ކުރެވެނީއެވެ. ނާއިދު ސްކޫލަށް ބޭނުންވާ ގިނަތަކެތި ނުލިބެއެވެ. ފައިސާ ލިބޭނެ އިތުރު ގޮތެއް ވިސްނަމުން ދިޔައެވެ. އެންމެ ފަހުން ގިނަބިސް އަޅާ ކުކުޅުގެ ބިސްތައް ނުނަގާ ބެހެއްޓިއެވެ. ދުވަސްތަކެއްފަހުން 19 ކުޑަ ފިޔޮށް ވިހައިފިއެވެ. އެއްބިސް ހަމަ އެ އޮތްގޮތަށް ހާލީގައި އޮތެވެ. އެހެނަސް އޭގެ ކުލަ ވަނީ ބަދަލުވެފައެވެ. ރަންކުލަ އަރާ އެބިސް ފެނުމުން ދެމަފިރިން ވަރަށް ހައިރާންވިއެވެ. އަދި އެބިސް ހާލިން ނެގިއެވެ. އެ ރަންބިސް ބާޒާރަށް ވިއްކާނީތޯ ނުވަތަ ކައްކާނީތޯ ވިސްނަން ފެށިއެވެ. މި ކުކުޅަކީ ރަންބިސް އަޅާ ކުކުޅެއް ކަމާމެދުވެސް ވާހަކަދެކެވުނެވެ.
އެންމެ ފަހުން ހަދާނެ ގޮތެއް ނޭނގުމުން ރަނގަޅު ގޮތެއް ވިސްނެންދެން ކުޑަ ފޮއްޓަކަށް ލުމަށްފަހު ބޭއްވިއެވެ. އޭގެ ދެދުވަސްފަހުން އަނެއްކާވެސް ފޮށި ހުޅުވާ ބިހަށް އެއްވެސް ބަދަލެއް އައިތޯ ބެލިއެވެ. ބިސްއޮތީ ހަމަ ރަންކުލައިގައެވެ. އަދި އިތުރު ދުވަސްތަކެއް ވަންދެން ހާލީގައި ބިސް ބޭއްވުމަށް ނާއިދުގެ ބައްޕަ ހިޔާލު ދިނެވެ. މި ބިހުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމަށް ނާއިދަށް އެންގިއެވެ. އެމީހުން އެބިސް ގެންގުޅުނީ ނިކަން ފޮރުވައިގެންނެވެ.
އޭގެ ހަފުތާއެއް ފަހުން ހާލިން ބިސް ނެގިއިރުވެސް ރަންބިހަށް އެއްވެސް ބަދަލެއް ނާދެއެވެ. ނާއިދުގެ ބައްފަ މިކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި އަގުބޮޑުކޮށް ބިސް ވިއްކާލުމަށް ނިންމިއެވެ. “ދަރިފުޅާ! ބާޒާރަށް ގޮސް އެންމެ ބޮޑު އަގެއްގައި މި ބިސް ގަންނާނެ މީހަކަށް ބިސް ވިއްކާލަން ބައްޕަ ބޭނުންވެ. ދަރިފުޅު ގޮސް ރަންބިސް ވިކޭނެ ރަނގަޅު އަގެއް ބަލާލަދީބަލަ.” ނާއިދުގެ ބައްޕަ ބުންޏެވެ. ނާއިދު ކުޑައިރުކޮޅަކު ވިސްނަން ހުރެފައި ބުންޏެވެ. “ބިސް ވިއްކާލުމުގެ ބޭނުމަކީ ކޮބާ؟”.
“ދަރިފުޅު އަޑެއް ނާހަންތަ ރަންބިސް އަޅާ އަސްދޫނި ވާހަކައެއް. ތި ރަންބިސް ވިހިނަމަ، ރަންބިސް އަޅާ ކުކުޅެއް އަހަރެމެންނަށް ލިބުނީހެ. އޭރުން ކޮންމެ ދުވަހަކުވެސް ރަންބިސް ލިބި އަހަރެމެން މުއްސަނދިވާނެ. ދަރިފުޅު ސްކޫލަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެވޭނެ. ސަހަރުގައި އުޅޭ ފަޤީރުންނަށް އެހީވުމަށް ފައިސާވެސް ލިބޭނެ. ނުވިހާ ބިހެއް ބޭއްވުމުގެ ބަދަލުގައި ވިއްކާލައިގެން ކޮންމެވެސް އެއްޗެއް ލިބޭނެ ނޫންހެއްޔެ؟” ބައްޕަ ނާއިދަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“ބައްޕާ! އަޅުގަނޑަށް މަޢާފްކުރޭ! އެބިހެއް ނުވިހާނެ.” ނާއިދު ވަރަށް ދެރަވެފައި ބުއްޏެވެ. “ކިހިނެތްވީ؟ ދަރިފުޅަށް ކިހިނެތް އެނގުނީ އެބިސް ނުވިހާނެ ކަމެއް؟” ބައްޕަ ހައިރާންވެފައި ހުރެ ސުވާލުކުރިއެވެ. ” އެއީ އަޅުގަނޑު ގެންގުޅުނު ކުޅޭކުޅޭ ޕްލާސްޓިކު ބިހެއް. އަޅުގަނޑު އޭގައި ރަން ކުލަޖެއްސުމަށްފަހު ކުކުޅުގެ ބިސްހާލި ތެރެއަށް އެބިސް ލީ، ބައްޕަމެން ކަންކުރާ ގޮތެއް ބެލުމަށް.” ނާއިދު ނިކަން ހާސްވިއެވެ.
ބައްޕަގެ މޫނު މަތިން ރުޅިވެރިކަން ފެނުމުންނެވެ. “އަޅުގަނޑު ހީކުރީ، ރަންބިސް އަޅާ އަސްދޫނި ވާހަކަގައި އުޅުނު ދެމަފިރިން ގޮތަށް ބައްޕަމެންވެސް ކުކުޅުގައި ރަންހުރިތޯ ބެލުމަށް ކުކުޅު ކަތިލާނެކަމަށް. އެކަމަކު ބައްޕަމެންނަކީ އެފަދަ ބައެއް ނޫންކަން މިއަދު އަޅުގަނޑަށް ވިސްނިއްޖެ! އަޅުގަނޑަށް މަޢާފްކުރޭ!” ބައްޕަގެ މޫނުމަތިން ރުޅިވެރިކަން ފިލުވާލުމަށްފަހު ހިނިތުންވެލިއެވެ. އަދި ނާއިދުގެ ވިސްނުން ހުރިގޮތް އެނގި ނުހަނު ލޯބިން އޭނާގެ ދަރިފުޅުގެ ގައިގާ ބައްދާލިއެވެ. އަދި ކުޑަކުޑަ ނާއިދަށް މަޢާފްކުރިއެވެ.
(ނިމުނީ)
ޢިބްރަތް: ބައެއް ފަހަރު ލިބޭ ޢިބްރަތްތެރި ފިޅާވަޅުތަކަކީ، އެހެންމީހުންގެ ހަޤީޤަތް ބެލުމަށް ލިބޭ ފުރުޞަތެކެވެ.