ދިވެހި ސިފައިންނަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމުގައި ކެރިގެން ސާބިތުކަންމަތީ ދެމިއޮތް ބަދަހި ލަޝްކަރެއް ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެއްޖެ
ދިވެހި ސިފައިންނަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމުގައި ކެރިގެން ސާބިތުކަންމަތީ ދެމިތިބޭނެ ބަދަހި ލަޝްކަރެއް ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް މިހެން ވިދާޅުވީ، ސިފައިންގެ އިސްތިރާޖީ ޕްރިއޮރިޓީތަކާ ބެހޭގޮތުން ސިފައިންނާ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރޭގައި ކަޅުތުއްކަލާކޮށީގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި ސިފައިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށް ޤާނޫނީ ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި، ފުރާނަ ދޭންޖެހުނު ކަމުގައި ވިޔަސް ދިވެހި ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މި ޖަލްސާގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ، ސިފައިންގެ ވެލްފެއަރ ކަންތައްތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ސިފައިންނާ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އަދި، ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމުގެ ގޮތުންނާއި، ޒަމާނީ ޕްރޮފެޝަނަލް ފޯސްއަކަށް އެމްއެންޑީއެފް ހެދުމަށް ޓަކައި މުއައްސަސާ ރިފޯމްކޮށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސިފައިންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާތަކުގެ މައްޗަށާއި، ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މި ޖަލްސާގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ސިފައިންގެ ވެލްފެއަރ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވަނީ ސިފައިންނާ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.
އަދި، މިރޭގެ ޖަލްސާގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ވާހަކަފުޅުގައި، ދިވެހި ސިފައިން ޤައުމަށް ޓަކައި ކުރަމުންދާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، ސިފައިންނާ ބައްދަލުކުރުމަށް ބޭއްވެވި ޚާއްޞަ ޖަލްސާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާއަކަށްފަހު ސިފައިންގެ ލަވައިންނެވެ.
(އެމް.އެން.ޑީ.އެފް)

