ރާއްޖެއިން ބޭރު މަސްބޯޓެއްގައި އޮތް ހާލުބޮޑު ދެމީހުންނަށް އެމް.އެން.ޑީ.އެފުން އެހީތެރިކަން ފޯރުކޮށްދީފި
ބޭރު ކަނޑުން ދަތުރުކުރި ރާއްޖެއިން ބޭރު މަސް ބޯޓެއްގައި އޮތް ހާލުދެރަ ދެ ބަލި މީހުން އައްޑޫސިޓީއަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދީފައިވަނީ، ޖޭއާރުސީސީ އޮސްޓްރޭލިއާ އިން މިމަހުގެ 20 ވަނަ ދުވަހުގެރޭ 01:34 ހާއިރުއެވެ. އަދި، މި މަޢުލޫމާތު ތައިޕޭ އެމްއާރުސީސީން ވެސް އެރޭ ފަތިހު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާ ޙިއްސާކޮށްފައިވެއެވެ.
ހާލު ބޮޑުވި ދެ މީހުންނަކީ، ރާއްޖޭގެ އިރުދެކުނުން 760 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ބޯޓެއްގައި ހިނގި މާރާމާރީއެއްގައި ޒަޚަމްވި ދެ މީހުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު، ޖޭއާރުސީސީ އޮސްޓްރޭލިއާ އާއި ތައިޕޭ އެމްއާރުސީސީއާ ގުޅިގެން އެ ދެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރުސީސީން ވަނީ ފަށާފައެވެ.
އެ ދެ މީހުން އަރުވައިގެން ދަތުރުކުރި “ޝެން ފެންގް 3” ނަމަކަށް ކިޔާ ބޯޓު މިއަދު މެންދުރު 14:30 ހާއިރު އައްޑޫސިޓީއާ 50 މޭލަށް ކައިރިވުމުން ޑޮކްޓަރުންގެ ޓީމަކާއި ފުލުހުންނާއި އެކު އެސަރަހައްދަށް ގޮސް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެފްއައިސީ “ހަކުރާ” ލޯންޗަށް ވަނީ ނަގާފައެވެ.
މި ބަލި ދެ މީހުން ވަނީ ރޭގެ 19:35 ހާއިރު އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
