އިންޑިޔާއިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލާނެ – އެމްއެންޑީއެފް
އިންޑިޔާގެ އިގްތިޞާދީ ސަރަޙައްދުތެރޭގައި މަސްވެރިކަން ކުރަން އުޅެނިކޮށް ދިވެހި މަސްދޯންޏެއް އިންޑިޔާގެ ކޯސްޓްގާޑުން ހިފަހައްޓައިފިކަމަށާއި، ނަމަވެސް އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ އެކުވެރި ގުޅުމަށް ބަލައި، އެމަސްދޯނި ދޫކޮށްލާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާޙީމް އާޒިމް ވިދާޅުވީ އެ ބޯޓުގެ ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށްފަހު މަސްދޯނި ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް މަސް ދޯނި ދޫކޮށްލާނެ ސީދާ ވަގުތު ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން ކުރާ ދޯނިފަހަރުތައް އަވަށްޓެރި އެހެން ޤައުމުތަކުގެ އިޤްތިޞާދީ ސަރަޙައްދަށް ނުވަނުމަށް ކޯސްޓްގާޑުން ނަޞޭޙަތްތެރިވާ ކަމަށެވެ.
މި މަސްދޯނި ހިފަހައްޓާފައިވަނީ އިންޑިއާގެ ކަނޑުގެ ސަރަޙައްދުގެ ވަރަށް އެތެރެއަށް ވަނުމުގެ ސަބަބުންކަމަށް މަޢުލޫމާތު ލިބެއެވެ. ހިފެހެއްޓި ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ.


