ދިރާސީ އައު އަހަރުގެ ކިޔެވުން ސްކޫލްތަކުގައި މިއަދު ފަށައިފި
މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ސްކޫލްތަކުގައި މިއަދު ފަށައިފިއެވެ.
ރާއްޖޭގެ 213 ސްކޫލެއްގައި މިއަދު ކިޔެވުން ފަށާފައިވާއިރު، ދިރާސީ އައު އަހަރަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންނަށް ސްކޫލްތަކުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ދަރިވަރުންނަށާއި، ޓީޗަރުންނަށްޓަކައި ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އަދި އައު އަހަރަށް މަރުޙަބާކިޔުމުގެ ކަންކަންވެސް ސްކޫލްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަހަރުގެ ދިރާސީ އާ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި އެލްކެޖީން ފެށިގެން ގްރޭޑް 12 އަށް ޖުމުލަ 73،035 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން މިއަހަރު ސްކޫލްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންގެ ޢަދަދަކީ 9800 އެވެ. މީގެތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7900 އެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ކިޔަވާދޭނެއެވެ.
މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު 185 ސްކޫލެއްގައި އޯލެވްލް ފެންވަރަށް ކިޔަވާދޭނެއެވެ. އަދި އޭލެވްލަށް 50 ސްކޫލެއްގައި ކިޔަވާދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ދިރާސީ އައު އަހަރަށް ދަރިވަރުން ކުރިމަތިލާއިރު، ކިޔެވުމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖެއްސުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ދުރާލާ ވަނީ ކުރަން ފަށާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތްވެސް އެ މިނިސްޓްރީން ވަނީ ދުރާލާ ފަށާފައެވެ. މުދައްރިސުން ހޯދުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިވެހި މުދައްރިސުންނަށެވެ.
ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ޓެކްސްޓް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނުލިބުމުގެ ޝަކުވާތައް ބެލެނިވެރިން ކޮށްފައިވާއިރު ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމްތައް މިއަދު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނސްޓްރީން ވަނީ ވިދާޅުވެފައެވެ.



