ޚަބަރު

ކައުންސިލް އިޚްތިޞާޞްގެ ތެރޭގައިވާ ބިންތައް ސަރުކާރަށް ނެގޭ ބިލް ރައީސް ތަޞްދީޤުކުރައްވައިފި

ކައުންސިލް އިޚްތިޞާޞްގެ ތެރޭގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން، ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތައް ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ނެގުމުގެ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

މި އޮގަސްޓު މަހުގެ 26 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރި މި ބިލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުން ހިންގާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ކަށަވަރުކުރުމާއި، ބިންތަކާ ގުޅޭ އިޖުރާތުތައް މިހާރަށްވުރެ ހަރުދަނާކޮށް އިޞްލާޙުކުރުމެވެ.

މި އިޞްލާޙާއެކު، ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައިވާ ސަރަޙައްދުތަކުން ބިން ވަކިކުރުމުގެ ކުރިން ޤައުމީ އިދާރާތަކުން ފުރިހަމަކުރަންޖެހޭ ޚާއްޞަ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި އަތޮޅުތަކުގައި “އިންޓަގްރޭޓަޑް ސަރވިސް ސެންޓަރު” ތަކެއް ޤާއިމުކޮށް، ސަރުކާރުގެ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުވެސް މި ޤާނޫނުގެ ދަށުން ހަމަޖެހިގެންދާނެއެވެ.

މީގެއިތުރުން، ޤާނޫނަށް މީގެ ކުރިން ގެނެވުނު 17 ވަނަ އިޞްލާޙުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނު ކުރީގެ އަތޮޅު ކައުންސިލްތަކުގެ އެންމެހައި މުދަލާއި ވަސީލަތްތައް، މި އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ދަށަށް ބަދަލުވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ. އަދި ގެޒެޓުގައި ޝާއިޢުކުރުމާއެކު މިއަދުން ފެށިގެން މި އިޞްލާޙަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close