ބޮޑުތަކުރުފާނު މަގުގެ ބަދަލުތަކާއެކު އުޅަނދުތަކަށް ޖާގަ ބޮޑުވާނެ، އުނދަގުލެއް ނުވާނެ: މުއްތަލިބް

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާއެކު، އެ ސަރަހައްދުގެ އެއްގަމުތޮށި އިތުރަށް ފުޅާކޮށް ގެންނަ ބަދަލުތަކުގެ ސަބަބުން ކަނޑުއުޅަނދުފަހަރަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން މިއަދު އަރުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ސުވާލާ ޖަވާބުގެ ވަގުތުގައި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ މަގު ފުޅާކުރުމަށް ހިންގާ މި މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް އިންތިހާއަށް ފައިދާކުރާނެ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، މާލެ ތަމްސީލުކުރައްވާ ބައެއް މެންބަރުން މިފަދަ ތަރައްގީގެ ކަންކަމަށް ހުރަސްއަޅުއްވާތީ އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މަގުގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަރުމާކޮށްފައިވާ މި މަޝްރޫއުގެ ތެރެއިން، ކުރިން ޕާކިން އަށް ހާއްސަކުރި ބައި މިހާރު ބަދަލުކުރަމުންދަނީ ތިން ފަރާތުންވެސް ލޯންޗު ފަހަރަށް ކައިރިކުރެވޭނެ ފަދަ ލުއިފަސޭހަ ގޮތްތަކަކަށެވެ. މީގެ ސަބަބުން ކީވޯލްގެ ދިގުމިން އިތުރުވެ، އެ ސަރަހައްދަށް ވަދެނިކުމެ އުޅޭ އޮޑިދޯނިފަހަރަށް ކުރިއަށްވުރެ ބޮޑަށް ޖާގަ ތަނަވަސްވެގެންދާނެ ކަމަށް ވަޒީރު ތަފްސީލުކޮށްދެއްވިއެވެ.
ޒަމާނީ ފެންހިންދާ ނިޒާމަކާއެކު ކުރިއަށްދާ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ޖޫން މަހަށް ނިންމުމަށް ކުރިން އަމާޒުހިފި ނަމަވެސް، ދިމާވި އެކި ސަބަބުތަކާހުރެ މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މިހާރު އަންދާޒާކުރަނީ މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހަށެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކަށް އައުމާއެކު، ނޯތު ހާބަރުން ފެށިގެން އަމީނީ މަގާ ގުޅޭ ހިސާބަށް، ހާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އަދިވެސް ނުހެދި އޮތް ބޭރު މަގުގެ ބައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އާ ފިޔަވަހި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
