ޚަބަރު

ތެދުވެރިކަމާއެކު ޙައްޤުބަސް ފެތުރުމަށް ރައީސުލްޖުމުހޫރިއްޔާ އިލްތިމާސްކުރައްވައިފި

ދިވެހި ހުރިހާ ލިޔުންތެރިންނަކީވެސް ތެދުވެރިކަމާއެކު ޙައްޤުބަސް ފެތުރުމަށް އިސްކަންދޭ، ޤައުމު ފަޚުރުވެރިވާފަދަ އަމާނާތްތެރި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

މި އަހަރު ފާހަގަކުރާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހައި ލިޔުންތެރިންނަށް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ލިޔުންތެރިއަކީވެސް މިއަދަށާއި މާދަމާއަށްވެސް މުޖުތަމައަށް ފައިދާކުރާނެ ރަނގަޅު ވިސްނުންތަކާއި ވާހަކަތައް މީހުންނާ ހަމައަށް ގެނެސްދޭން މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ސައްހަ މަޢުލޫމާތު ފެތުރުމުގެ އިތުރުން ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ދިވެހި ލިޔުންތެރިންގެ ހުރިހާ މަސައްކަތްތަކެއްވެސް ބައްޓަންކުރަންވާނީ އިސްލާމީ ރީތި އުސޫލުތަކުގެ މައްޗަށް ކަމަށެވެ.

ލިޔުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ތެދުވެރިކަމާއި އަމާނާތްތެރިކަންކަން ހަނދާންކޮށްދެއްވަމުން، އެމަނިކުފާނު ވަނީ ލިޔުންތެރިންނަކީ އަބަދުވެސް ޤައުމަށް ފާގަތި ގޮތްގޮތަށް ލިޔާ، ޤައުމުދެކެ ލޯބިވާ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލެއްވީ ރާއްޖޭގެ ލިޔުންތެރިކަމުގެ ދާއިރާގައި ކުރީގައާއި މިހާރުވެސް ޚިދުމަތް ކުރައްވަމުންދާ ފަރާތްތަކުގެ އިޚްލާޞްތެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close