ޚަބަރު

ލާދީނިއްޔަތު އާންމު ކުރުމުން މާތް ﷲގެ ނިއުމަތުން އެކަހެރިވާނެ – ރައީސްޔާމީން

ބަޔަކު އިގްތިސާދަށް ދޭ ގެއްލުންތަކުން އަރައިގަނެވުނަސް، ލާދީނިއްޔަތު އާންމުވެއްޖެ ނަމަ، އެއީ މާ ނުރައްކާތެރި ކަމަކަށް ވާނެ ކަމަށާއި ލާދީނިއްޔަތު އާންމު ކުރުމުން މާތް ﷲގެ ނިއުމަތުން އެކަހެރިވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ދެކޮޅަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ގައުމުގައި ލާދީނީ ކަންކަން އާންމުވާން ފުރުސަތު ދެވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ބައެއް ލީޑަރުން ދެއްކި ވާހަކަތަކަށް ހެއްލި، ހެދުނު ގޯހެއްގެ ސަބަބުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވަނީ ހިތާމަވެރި ހާލަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމްޑީއެންއާ އެ ފިކުރުގެ މީހުން ރާއްޖޭގައި ލާދީނިއްޔަތު އާންމު ކުރުން މަސައްކަތް ކުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމީ މުގައްރަރު ބަދަލުކޮށް،ލާދީނީ ފިކުރުތައް ކުޑަކުދިންނަށް ވިސްނައިދޭން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން މުގައްރަރަށް ގެންނަން އުޅޭ ބަދަލުތައް އޮޅުން ފިލުވައި ދިނުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޕީޕީއެމްއާ ޕީއެންސީން މަސައްކަތް ކުރަނީ މާތްﷲގެ މަގުގައި ކަމަށާއި “ބްރިޖުން ބޭރަށް” ލާދީނީ ފިކުރު ފޮނުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީއެންއަށް ހައްގު އަދަބު ލިބެންޖެހޭކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުށެއް ކުރުމަށްފަހުގައި ތިމާ އެކުށުން ބަރީއަވެފައިވާ ކަމަށް ބުނެލުމަކުން އަދި ނުފުދޭ ކަމަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވުމަކީ، ރާއްޖޭގެ ނަސީބުކަން ފާހަގަކުރައްވާ، އެ ނަސީބު ދިވެހިންނާ ދުރު ކުރަން މަސައްކަތް ކުރާ މީހުން މަދެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ފައިސާވެރި ޖަމާއަތްތަކާއި، ބޮޑެތި މުއްސަނދިން ރާއްޖެއަށް ލިބިފައިވާ ހިދާޔަތު ފޮހެލުމަށްޓަކައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އުފެދުނީ ކްރިސްޓިއަން ޗާޗަކުން ފަންޑުކޮށްގެން ކަމަށާއި، އެމްޑީއެންއަށްވެސް އެ ޗާޗުން ފަންޑު ކުރިކަމަށެވެ.

އެމްޑީއެންއާމެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅި މަސް ދުވަސް ފާއިތުވެގެންދާއިރު ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވަލިއްޔުލްއަމްރުގެ ދައުރަކީ ކޮބައިކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close