ޕީސީބީގެ ބޭންކިން ދާއިރާގެ މެންބަރަކަށް ޒައިނާ އަބްދުﷲ އައްޔަންކުރައްވައިފި

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި، ގއ. ދާންދޫ ޒައިނާ އަބްދުﷲ ރައީސުލްޖުމްހޫރިއްޔާ އިއްޔެ އައްޔަންކުރައްވައިފިއެވެ. ޒައިނާއަކީ ބޭންކިން، ކޯޕަރޭޓް ފައިނޭންސް އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މެލޭޝިއާގެ ‘އިންސިފް’ އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައިވާ ޒައިނާ މިހާތަނަށް ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައެވެ. އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް އަދި ރެގިއުލޭޓަރީ ކޮމްޕްލަޔަންސް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
މީގެކުރިން ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަގާމުވެސް އަދާކުރައްވާފައިވާ ޒައިނާއަކީ، ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތަކާއި ބިޒްނަސް ޕްލޭންތައް ދިރާސާކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އިދާރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

