އދ. ގައި ރާއްޖެއިން އާ ރެކޯޑެއް: ފުރަތަމަ ފަހަރަށް އިކޮސޮކްގެ ގޮނޑިއެއް ކާމިޔާބުކޮށްފި!

ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ހާރިޖީ ދައުރު އިތުރަށް ވަރުގަދަވެ، އދ. ގެ މައިގަނޑު އެއް ގުނަވަން ކަމަށްވާ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީސް (އިކޮސޮކް) ގެ މެންބަރުކަން ފުރަތަމަ ފަހަރަށް ރާއްޖެއިން ހޯދައިފި އެވެ. ރޭ ކުރިއަށްދިޔަ އިންތިހާބުގައި ރާއްޖެއިން މި ތާރީހީ ގޮނޑި ކާމިޔާބުކުރީ އދ. ގެ އާންމު މަޖިލީހުގެ 183 ގައުމެއްގެ ބޮޑު ތާއީދަކާ އެކުގަ އެވެ.
މިއީ 1965 ވަނަ އަހަރު ރާއްޖެ އދ. ގެ ފުރިހަމަ މެންބަރަކަށް ބަދަލުވި ފަހުން، ވޭތުވެދިޔަ 61 އަހަރުގެ ދިގު ތާރީހުގައި މި މަޖިލީހުގެ ގޮނޑިއެއް ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. މި އިންތިހާބުގައި އޭޝިއާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްފައިވާ ތިން ގޮނޑީގެ ތެރެއިން ރާއްޖެއާ އެކު ދެން ހޮވިފައިވަނީ މެލޭޝިއާ އަދި ސައުތު ކޮރެއާ އެވެ.
މި މަޖިލީހުގައި ރާއްޖެއިން އަދާކުރަންޖެހޭ ދެ އަހަރުގެ ދައުރު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، 2029 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
މި ބޮޑު ކާމިޔާބީއާ ގުޅިގެން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މިއީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ އިތުބާރުގެ ސާފު ހެއްކެއް ކަމަށާއި، މިއީ މުޅި ގައުމަށް ލިބުނު ފަހުރެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ދެމެހެއްޓެނިވި ތަރައްގީއަށާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކުރާ ކުރުން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތް ކަމުގެ ހެއްކެކެވެ. މީގެ އިތުރުން، ތަރައްގީއަށް ބޭނުންވާ މާލީ ވަސީލަތްތައް ފަސޭހައިން ހޯދައިދިނުމަށް ރާއްޖެއިން ކުރާ މަސައްމަތްތަކަށް ލިބުނު ބޮޑު ބާރެކެވެ.
އިކޮސޮކް އަކީ އދ. ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ ސިޔާސަތުތައް ވިލަރެސްކުރާ އެންމެ މަތީ މަޖިލީހެވެ. ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (SDGs) ހާސިލްވަމުންދާ މިންވަރު މުރާޖައާކޮށް ބެލުމުގައި ވެސް މި މަޖިލީހުން އެންމެ މުހިންމު ދައުރެއް އަދާކުރެ އެވެ.
