ޚަބަރު

ކުރީ ސަރުކާރުގެ “ބިންވެރިޔާ” ސްކީމުގެ ސަބަބުން އެޗްޑީސީގެ މާލީ ހާލަތަށް ބޮޑު ގޮންޖެހުމެއް: އޮޑިޓް ރިޕޯޓް

ކުރީގެ ސަރުކާރުން ހިންގި “ބިންވެރިޔާ” ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ ސަބަބުން، އެޗްޑީސީއަށް ލިބެން އޮތް 15.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލިފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހިން ޖުމްލަ 2.8 މިލިއަން އަކަފޫޓުގެ ބިން ދޫކޮށްފައިވާއިރު، މިއީ އެ ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަމަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

މި ސްކީމްގެ ދަށުން ބިން ދޫކުރުމުގައި، އިޖުތިމާއީ ގޮތުން ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދިނުމުގެ ބަދަލުގައި، ހަމައެކަނި މާލޭގެ ރަޖިސްޓްރީގައި އޮތުން ފަދަ އާންމު ޝަރުތުތަކަށް ބަލާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ހިޔާ މަޝްރޫއު ފަދަ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ އަޅާބަލާއިރު، މި ސްކީމުގައި ބިން ބޭނުންކޮށްފައިވާ މިންވަރު ނިސްބަތުން އިންތިހާއަށް މަތިކަމަށްވެސް އޮޑިޓްގައި ބުނެފައިވެއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަލާއިރު، ތައުލީމާއި، ސިއްހަތާއި، ދީނީ އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތަކަށް ހާއްސަކޮށްފައިވާ 563،000 އަށްވުރެ ގިނަ އަކަފޫޓުގެ ބިން މި ސްކީމުގެ ދަށުން ގޯތީގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. މީގެ ސަބަބުން ސިޓީއެއް ތަރައްޤީކުރުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރުމުގެ ފުރުސަތު ހަނިވެ، ހުޅުމާލޭގެ ދުރުރާސްތާގެ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close