ޚަބަރު

ހުޅުމާލެ ފިޔަވަހި 3 ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ “ބިންވެރިޔާ ސްކީމް” ގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. ސަރުކާރުން މި މަޝްރޫޢަށް ދެއްވި އިސްކަމާއެކު، މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށްޓަކައި ބޮޑު ޑްރެޖަރެއް ގެނެސްގެން ކުރި މަސައްކަތުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަސައްކަތް ނިންމާލެވުނުކަން ފާހަގަކުރެވެއެވެ.

މި މަޝްރޫޢަކީ 22 ސެޕްޓެމްބަރު 2023 ގައި ފެށި މަޝްރޫޢެކެވެ. ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ފުރަތަމަ ދެ މަރުހަލާ ކުރިން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް މަޑުޖެހެމުން ދިޔުމުން ސަރުކާރުން ވަނީ މި މަސައްކަތް އަވަސްކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ.

އެމްއޭސީއެލް އިން އަލުން މި މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. މަސައްކަތުގެ ސްޕީޑް އިތުރަށް އަވަސްކުރުމަށްޓަކައި، ނޮވެމްބަރ 28 އިން ފެށިގެން ބޮސްކާލީސްގެ 22،000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު “ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ” އެއް ބޭނުންކުރަން ފެށިއެވެ. މިގޮތުން، ފަހު މަރުހަލާގެ 40 ހެކްޓަރުގެ ބިން އެންމެ ދެ މަސްދުވަހުގެ ތެރޭގައި ވަނީ ހިއްކާ ނިންމާލެވިފައެވެ.

ހުޅުމާލެ ފިޔަވަހި ތިނަކުން 7 ސައިޒެއްގެ ޖުމްލަ 698 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ. ސަރުކާރުން ނިންމާފައިވަނީ ބިން ހިއްކާ ނިމުމާއެކު، އެ ސަރަހައްދުގެ ޕްލޭނާ އެއްގޮތަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފަށައި، މި ޖެނުއަރީ މަހުގެ ތެރޭގައި އިންކަނޑައި ގޯތިތައް ހަވާލުކުރަން ފެށުމަށެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިމި، ގޯތިތައް ލިބޭނެ މަގު ތަނަވަސްވެގެން ދިއުމަކީ ގިނަ ދުވަސްތަކެއް ވަންދެން ގޯތީގެ އިންތިޒާރުގައި ތިބި މާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުއްމީދަކާއި އުފަލެކެވެ. މިއީ ސަރުކާރުން ރައްޔިތުންގެ ބޯހިޔާފާރި ކަށަވަރުކޮށްދިނުމަށް ދެމުންދާ އިސްކަމުގެ ހެއްކެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close