ޚަބަރު

ގާނޫނާ ހިލާފުނުވާނަމަ، އިދިކޮޅު ފަރާތްތަކުގެ އަޑުއެހުމުގެ ކެތްތެރިކަން އެބަހުރި: ރައީސް މުއިއްޒު

ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް، އިދިކޮޅު ފަރާތްތަކާއި ހުރިހާ ރައްޔިތުންގެ ޝަކުވާތަކާއި ވާހަކަތައް އަޑުއެއްސެވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް އަމަލުކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ރިޔާސީ ކެމްޕެއިން ތެރޭގައި ހއ. ކެލައަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލި ޒުވާނުންނާ ބައްދަލުކުރައްވައި ސަލާން ކުރެއްވި ހާދިސާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ކިތަންމެ ހިތްހަމަނުޖެހިފައި ތިބި ނަމަވެސް އެމީހުންގެ ކައިރިއަށް ވަޑައިގެން އަޑުއެއްސެވުމުގެ ކެތްތެރިކަން އެމަނިކުފާނުގެ ކިބައިގައި އެބަހުރި ކަމަށެވެ.

“އެހެންވީމާ ކިތަންމެ އިދިކޮޅު ވާހަކައެއް އަޅުގަނޑާ ދެކޮޅަށް ބުންޏަސް އަޅުގަނޑު ހަމަ އަޑުއަހާނަން. އަޑުއެހުމުގެ ގާބިލްކަން އެބަހުރި، ކެތްތެރިކަން އިރާދަކުރެއްވިއްޔާ އިސްކުރާނަން،” ރައީސް ވިދާޅުވި އެވެ.

ނަމަވެސް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ބާރުއެޅުއްވީ ގާނޫނުގެ ވެރިކަން ނެގަހައްޓެވުމަށެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނާ ހިލާފަށް ކަންކަން ކުރުމަކީ ޑިމޮކްރަސީގެ ހަމައެއް ނޫން ކަމަށާއި، ކޯޓުތަކުން ނެރޭ އަމުރުތަކަށް އެމަނިކުފާނު ހިމެނޭހެން އެންމެން ތަބާވާންޖެހޭނެ ކަމަށެވެ.

ޕީއެންސީގެ ޖަލްސާ ހިނގަމުންދިޔަ ވަގުތު، އާޓިފިޝަލް ބީޗު ސަރަހައްދުގައި އިދިކޮޅު އެމްޑީޕީގެ ހަރަކާތެއް ކުރިއަށްދިޔަދިއުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިއަދު ރާއްޖޭގައި ހިޔާލުފާޅުކުރުމާއި ސިޔާސީ މަސައްކަތް ކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައިވާ ކަމަށެވެ.

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން ގައުމަށް ސިޔާސީ ހަމަޖެހުން ގެނެސްދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ބޭނުމަކަށްޓަކައި އެއްވެސް ލީޑަރަކު ޖަލަށްލާފައި ނުވާނެ ކަމަށެވެ. އަދި ކުރީގެ ރައީސުން ޖަލަށްލުމުގެ ބަދަލުހިފުމުގެ “ސައިކަލް” މި ސަރުކާރުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close