ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެ، އުދައެރުމުގެ އިންޒާރު ދީފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ، ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އައްސޭރިފަށުގެ ރަށްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ގަޑިއަކު 13 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ވައިގެ ބާރުމިން 45 މޭލަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ކަނޑުތައް ގަދަވެ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ބެލެވޭއިރު، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ސ. ހިތަދޫއަށެވެ. އެ ރަށަށް 59.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވިއްސާރައާ ގުޅިގެން ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ވައިގަދަވުމުގެ ސަބަބުން އެއްލާލަފާނެ ތަކެތި ރަނގަޅަށް އައްސައި ރައްކާތެރިކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ރަސްމީ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް ބޯލެނބުމަކީ މި ވަގުތު ވަރަށް މުހިންމު ކަމެކެވެ.


