ޚަބަރު

ނ.އަތޮޅު ވެލިދޫގެ ބޭރު ހިމެނޭހެން 3 ސަރަހައްދެއްގައި ކަނދުފަތި އަޅައިފި

ރާއްޖޭގެ އުތުރުގެ ތިން އަތޮޅެއްގައި މަސްވެރިކަމަށް ޚާއްޞަ ތިން ކަނދުފައްޗެއް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޤާއިމުކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި މަހުގެ ކުރީކޮޅު މި ކަނދުފަތިތައް އަޅާފައިވަނީ ހއ. އަތޮޅާއި، ށ. އަތޮޅުގެ އިތުރުން ނ. ވެލިދޫ ބޭރުގައެވެ. މީގެ ތެރޭގައި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ދެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ ނުވަތަ ވަދުނަނުގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް ހިމެނެއެވެ.

މި މަސައްކަތްތަކުގެ ތަފްޞީލަށް ބަލާއިރު، ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި މިއަދު ވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް (B09D01-03) އަޅާފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހު ށ. ފުނަދޫ އިރުއުތުރުން 11.5 މޭލު ބޭރުގައި ދޮށީގެ ކަނދުފައްޗެއް (D09D01) އަޅާފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހު ވަނީ ނ. ވެލިދޫގެ ދެކުނުން 5.5 މޭލު ބޭރުގައި ވަދުނަނުގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް ޤާއިމުކޮށްފައެވެ. މި ކަނދުފަތިތަކުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަސްވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނދުފަތިތައް އިތުރުކޮށް، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމަށެވެ. މިވަގުތު ކަނދުފަތި ޤާއިމުކުރާ ސެންޓަރެއް ހުޅުމާލޭގައި އެކަނި ހުރުމުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް ޚާއްޞަ އިތުރު ދެ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close