އެމްޑަބްލިއުއެސްސީގެ އެމްޑީކަމަށް ހުސެއިން ފަހުމީ އައްޔަންކުރައްވައިފި

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ހުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފިއެވެ.
ޕީސީބީން މިއަދު މިކަން އިއުލާންކުރިއިރު، އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލް މަތީން މުހައްމަދު މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހުސެއިން ފަހުމީއަކީ ސްޓެލްކޯގައި 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު، މި ސަރުކާރު އައިފަހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރެއްވުމަށްފަހު، މިދިޔަ ސެޕްޓެމްބަރު 7 އިން ފެށިގެން އޭނާ ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައެވެ.

