ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ކަމުގައި ވިޔަސް، އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ބަންދު

އިސްރާއީލާއި، އެމެރިކާ އަދި އީރާނުން ދެ ހަފުތާގެ މުއްދަތަށް އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ގުދުސްގެ ބާކީ ހުރި ސަރަހައްދުތަކުގައި ހުރި އަލްއަޤްޞާ މިސްކިތާއި ހޮލީ ސެޕަލްކަރ ފައްޅި ޖެހިޖެހިގެން 40 ދުވަސް ވަންދެން ބަންދުކޮށްފައި ބަހައްޓައިފިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އިިއުލާނުކުރި “ކުއްލި ނުރައްކަލުގެ ހާލަތު” ބޭނުންކޮށްގެން، އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ވަނީ ގުދުސް އާއި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. ނަމަވެސް، ޔަހޫދީންގެ އެންމެ މުގައްދަސް ބިނާ ކަމުގައިވާ ހުޅަނގު ފާރު (ވެސްޓަން ވޯލް) ސަރަހައްދަށް އެއްފަހަރާ 50 މީހުންނަށް ދިއުމުގެ ހުއްދަ ދީފައިވެއެވެ. އަދި އޭޕްރީލް މަހުގެ ކުރީކޮޅު ފާހަގަކުރި މުގައްދަސް ހަފުތާގައި ފައްޅިތަކުގެ ފާދިރީންނަށް ވެސް އިސްތިސްނާ ހާލަތްތަކެއް ދީފައިވެއެވެ.
ފަލަސްތީނުގެ އޮތޯރިޓީން ބުނާ ގޮތުގައި، އިސްރާއީލުން މި ސަރަހައްދީ ހަމަނުޖެހުންތަކުގެ ބޭނުން ހިފައިގެން އަލްއަޤްޞާ މިސްކިތުގެ މައްޗަށް އޮތް ބާރުގަދަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަން ހާމަކޮށްފައިވަނީ ވަފާ ނިއުސް އެޖެންސީންނެވެ.
އެ އެޖެންސީން ފާހަގަކޮށްފައިވާ ގޮތުގައި، “ޓެމްޕަލް މައުންޓް” ގެ ނަމުން މަޝްހޫރުވެފައިވާ ޔަހޫދީ ހަރުކަށި ޖަމާއަތްތަކުން ވަނީ ޕާސްއޯވަރު އީދާ ދިމާކޮށް އެ ސަރަހައްދަށް ޒިޔާރަތްކޮށް، އެތަނުގައި ޖަނަވާރު ގުރުބާން ކުރުމުގެ ހަރަކާތްތައް ހިންގުމަށް ގޮވާލާފައެވެ.
ފަލަސްތީނުގެ އޮތޯރިޓީން ބުނި ގޮތުގައި، އަލްއަޤްޞާ މިސްކިތް ބަންދުކޮށްފައި ބެހެއްޓުމަކީ އަޅުކަން ކުރުމުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެކެވެ. އަދި މިއީ ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ވަދެގަންނަންޖެހޭ ފަދަ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާ ކަމެއް ކަމަށް ވެސް ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.



