ޚަބަރު

ގޭހުގެ އަގު އުފުލުނަ ނުދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަނީ

ވިލާ ގޭހުން ކައްކާ ގޭހުގެ އަގު ބޮޑުކުރަން ނިންމުމާ ގުޅިގެން، ބާޒާރުގައި ގޭހުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގޭހުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެސްޓީއޯ އާއި ވިލާ ގޭހާއެކު މަޝްވަރާކޮށް، އަގު ހިފެހެއްޓޭނެ ހަތަރު ފަސް ގޮތެއް މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ބޮޑުވި ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ގޭހުގެ އަގު ބޮޑުވިޔަ ނުދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެސްޓީއޯ އަދި ވިލާ ގޭހަށް ވެސް މިރޭ ގޭހުގެ އާ ޝިޕްމަންޓްތަކެއް ލިބޭނެކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް މިކަމުން ނޭދޭ އަސަރެއް ކުރިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓުގެ އަގަށް ބަދަލެއް އަތުވެދާނެތޯ އުފެދުނު ސުވާލަށް ޖަވާބުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ކަރަންޓުގެ އަގު ބޮޑުކުރުމުގެ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކުރެވިފައި ނުވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އަސާސީ ހިދުމަތްތަކާއި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close