ޚަބަރު

ރާއްޖޭގެ 9 ރަށެއްގައި މުޅިން އަލަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދޭން ފަށައިފި

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 9 ރަށެއްގައި މުޅިން އަލަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ ރާއްޖޭގެ އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ދެވިގެން ދިޔަ ޚިދުމަތަކަށްވާއިރު، މީގެ މައިގަނޑު މަޤްޞަދަކީ މާލެއަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ރަށުގައި ނުވަތަ ކައިރި ރަށަކުން ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

އަންހެނުންގެ ޑޮކްޓަރުންގެ ޚިދުމަތް އަލަށް ފެށި ރަށްތަކުގެ ތެރޭގައި ށ. މިލަންދޫ، ށ. ކަނޑިތީމު، ށ. ކޮމަންޑޫ، އދ. މާމިގިލި، ނ. ވެލިދޫ، ތ. ތިމަރަފުށި، ތ. ވިލުފުށި، ބ. ތުޅާދޫ އަދި ރ. މީދޫ ހިމެނެއެވެ. މީގެ އިތުރުން، ފާއިތުވި ދެ އަހަރު ތެރޭގައި 6 ރަށެއްގައި އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްވެސް ވަނީ އަލަށް ތަޢާރަފްކޮށްފައިކަމަށް އެމިނސްޓްރީން ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާތަނަށް މުޅިން އަލަށް 10 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވާއިރު، ލެބޯރެޓަރީގެ ޚިދުމަތް ނެތް ރަށްތަކުގެ ތެރެއިން 11 ރަށެއްގައި މިހާރު ވަނީ ލެބޯޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަސާސީ އަދި ޚާއްސަ ބަލިތަކުގެ ފަރުވާ ލިބުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close