ސިއްހީ ރައްކާތެރިކަމަށް ސައިންސްގެ އަލީގައި ގުޅިގެން މަސައްކަތްކުރުން މުހިންމު: ރައީސް މުއިއްޒު

އެމަނިކުފާނު ވިދާޅުވީ ސިއްހީ ސިޔާސަތުތަކަކީ ސާބިތުވެފައިވާ ސައިންސްގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ހެދުމަށްޓަކައި، ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ސިއްހަތު ރައްކާތެރިކުރުމަށް ސައިންސްގެ އަލީގައި ކުރެވޭ ގުޅިފައިވާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަން ގުޅިލާމެހިފައިވާ “ވަން ހެލްތު” ސިޔާސަތަށް ބާރުއަޅުއްވައި، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކުރުމަށް ގޮވާލެއްވިއެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް، ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް ލާމެހިގެންދާނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދުޅަހެޔޮ އާދަތަކަށް ބާރުއަޅައި ބަލިތައް އަވަހަށް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރައީސް ތަހުނިޔާ ފޮނުއްވިއެވެ. އަދި މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރު ކަމުގައިވާ “ސިއްހަތަށްޓަކައި އެކުގައި، އަދި ސައިންސާ އެކު ސާބިތުވެ ތިބުމަށް” މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

