ބޭރުދުނިޔެ

އެމެރިކާގެ އާމީ ޗީފް އޮފް ސްޓާފް މަގާމުން ދުރުކޮށްފި

ޕެންޓަގަންގެ އެންމެ އިސް ސަފުތަކަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، އެމެރިކާގެ އާމީ ޗީފް އޮފް ސްޓާފް ރޭންޑީ ޖޯޖް ބުރާސްފަތި ދުވަހު މަގާމުން ދުރުކޮށްފިއެވެ. އޭނާ މަގާމުން ދުރުކުރީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ކަމަށް އެމެރިކާގެ ދިފާއީ ތިން އޮފިޝަލަކު ރޮއިޓާސްއަށް ބުންޏެވެ.

ފޮކްސް ނިއުސްގެ ކުރީގެ ހޯސްޓެއް ކަމަށްވާ ހެގްސެތް ދަނީ ޑިޕާޓްމަންޓަށް އަވަސް ބަދަލުތަކެއް ގެންނަމުންނެވެ. ނަމަވެސް ހަނގުރާމައިގެ ހާލަތެއްގައި ޖެނެރަލަކު މަގާމުން ދުރުކުރުމަކީ އާންމުކޮށް ހިނގާ ކަމެއް ނޫނެވެ.

ޖޯޖްގެ ދައުރުގައި އަދި އެއް އަހަރު ބާކީ އޮއްވައި، އާމީގެ 41 ވަނަ ޗީފް އޮފް ސްޓާފްގެ މަގާމުން އޭނާ ވަގުތުން ރިޓަޔާކުރާނެ ކަން ޕެންޓަގަންއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭނާ ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށް، ރިޓަޔަމަންޓުގައި ކާމިޔާބީއަށް އެދޭކަމަށް ޕެންޓަގަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން ދެ އޮފިޝަލަކު ބުނި ގޮތުގައި، އާމީސް ޓްރާންސްފޯމޭޝަން އެންޑް ޓްރެއިނިންގ ކޮމާންޑްގެ ވެރިޔާ ޖެނެރަލް ޑޭވިޑް ހޮޑްން އަދި އާމީސް ޗެޕްލެއިން ކޯޕްސްގެ ވެރިޔާ މޭޖަރ ޖެނެރަލް ވިލިއަމް ގްރީން ވެސް ހެގްސެތް ވަނީ މަގާމުން ދުރުކޮށްފައެވެ.

ޖޯޖް މަގާމުން ދުރުކުރި ވަކި ސަބަބެއް ޕެންޓަގަން އިން ނުބުނެއެވެ. މިކަން ހިނގާފައިމިވަނީ އީރާނާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގަމުން، މެދުއިރުމަތީގައި އެމެރިކާގެ ސިފައިންގެ ފައުޖުތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ސަރަހައްދުގައި ގިނައިން ހަމަލާތައް ދެމުންދަނީ އެމެރިކާގެ ނޭވީ އަދި އެއާފޯސް އިން ނަމަވެސް، ވައިގެ ދިފާއީ ނިޒާމުތަކާއެކު އާމީ ސިފައިންވެސް ވަނީ މެދުއިރުމައްޗަށް ފޮނުވާފައެވެ. އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑު ގޮފި ކަމަށްވާ އާމީގައި 450،000 އެކްޓިވް-ޑިއުޓީ ސިފައިން ތިބެއެވެ. މީގެ އިތުރުން، އީރާނުގައި އެއްގަމު އޮޕަރޭޝަންތަކެއް ހިންގުމަށް ކަމަށް ބެލެވޭ ގޮތުގައި، އެމެރިކާ އާމީގެ އެލީޓް 82 ވަނަ އެއާބޯން ޑިވިޝަންގެ އެތައް ހާސް ސިފައިންނެއް ވެސް މިހާރު ވަނީ މެދުއިރުމައްޗަށް އަންނަން ފަށާފައެވެ.

ހެގްސެތް އާއި ޖޯޖް އާ ދެމެދު މައްސަލަތަކެއް އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ނަމަވެސް ހެގްސެތް ދިޔައީ އާމީގެ އެންމެ އިސް ގާނޫނީ ވަކީލު މަގާމުން ދުރުކުރުމާއި، ޓްރަމްޕްގެ އުފަންދުވަހާ ދިމާކޮށް އާމީގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޮޑު އަސްކަރީ ޕެރޭޑެއް ބޭއްވުން ފަދަ އާންމުންގެ ފާޑުކިޔުން އަމާޒުވާ ފަދަ ކަންތައްތަކެއް ކުރަމުންނެވެ.

އަދި ޓްރަމްޕަށް ސަޕޯޓުކުރާ ލަވަކިޔުންތެރިޔާ ކިޑް ރޮކްގެ ގޭ ކައިރިން އެޓޭކް ހެލިކޮޕްޓަރުތަކެއް ދުއްވި އާމީ ޕައިލެޓުންތަކެއްގެ މައްސަލަ ތަހުގީގުކުރުމަށް އާމީން ނިންމާފައި އޮތް ނިންމުންވެސް ހެގްސެތް ވަނީ މި ހަފްތާގައި ބާތިލުކޮށްފައެވެ. ސީބީއެސް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖޯޖް މަގާމުން ދުރުކުރުމާ ކިޑް ރޮކްގެ މައްސަލައާ ގުޅުމެއް ނެތެވެ.

ޖޯޖްގެ މަގާމާ ވަގުތީގޮތުން ހަވާލުވާނީ ހެގްސެތްގެ ކުރީގެ މިލިޓަރީ އޭޑް އަދި އާމީ ވައިސް ޗީފް އޮފް ސްޓާފް ޖެނެރަލް ކްރިސްޓޯފަރ ލަނޭވް ކަމަށް އޮފިޝަލަކު ބުންޏެވެ. އަދި ޖޯޖް މަގާމުން ދުރުކުރިކަން އާމީގެ އިސް ވެރިންނަށްވެސް އެނގުނީ އެ ޚަބަރު މީޑިއާއަށް ތިލަވި ހިސާބުން ކަމަށް އެހެން އޮފިޝަލަކު ބުންޏެވެ.

އިރާގާއި އަފްގާނިސްތާނުގައި މަސައްކަތްކޮށްފައިވާ އިންފެންޓްރީ އޮފިސަރެއް ކަމަށްވާ ޖޯޖް އާމީގެ އެންމެ އިސް މަގާމަށް އައްޔަންކުރީ 2023 ގައެވެ. އާންމުގޮތެއްގައި އެ މަގާމުގެ ދައުރަކީ ހަތަރު އަހަރެވެ. އޭގެ ކުރިން އޭނާ ހުރީ އާމީގެ ވައިސް ޗީފްގެ މަގާމުގައެވެ. އަދި އޭގެ ކުރިން އޭރުގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންގެ ސީނިއަރ މިލިޓަރީ އެޑްވައިޒަރުގެ ގޮތުގައިވެސް މަސައްކަތްކުރިއެވެ.

ޖޯޖް އަކީ އާމީ ސެކްރެޓަރީ ޑޭން ޑްރިސްކޮލް އާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ހަތިޔާރު އުފެއްދުން އަވަސްކޮށް އަގުހެޔޮކުރުމަށް ބޮޑެތި ޑިފެންސް ކުންފުނިތަކާ ދެކޮޅަށް އެދެމީހުން ގުޅިގެން ވަނީ މަސައްކަތްކޮށްފައެވެ.

ޖޯޖް މަގާމުން ދުރުކުރުމާއެކު ޕެންޓަގަންގެ އެކި ފަންތީގެ ލީޑަރޝިޕަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް މިވަނީ ބޮޅެއް އިތުރުވެފައެވެ. މީގެ ކުރިން މިދިޔަ އަހަރު، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން އެއާފޯސް ޖެނެރަލް ސީ.ކިއު ބްރައުން އާއި، ޗީފް އޮފް ނޭވަލް އޮޕަރޭޝަންސް އަދި އެއާފޯސްގެ ވައިސް ޗީފް އޮފް ސްޓާފްވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޖޯޖްގެ އޮފީހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close