އީރާނާއެކު ހަނގުރާމައެއް ކުރަން އެމެރިކާ މީހުން ބޭނުމެއް ނުވޭ: ސެނެޓުގެ މައިނޯރިޓީ ލީޑަރ

މެދުއިރުމަތީގައި ހަނގުރާމައެއް ކުރަން އެމެރިކާގެ ރައްޔިތުން ބޭނުން ނުވާކަމަށާއި، އެމެރިކާ ސިފައިންނަށް ލިބެމުންދާ ގެއްލުންތަކާމެދު ޓްރަމްޕްގެ ސަރުކާރުން ޖަވާބުދާރީވުމަށް އެމެރިކާގެ ސެނެޓުގެ މައިނޯރިޓީ ލީޑަރ ޗަކް ޝޫމަރ ގޮވާލައްވައިފިއެވެ.
ބުދަ ދުވަހު ސެނެޓުގައި ވާހަކަދައްކަވަމުން ޝޫމަރ ވިދާޅުވީ، ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ 140 ސިފައިންނަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 8 މީހެއްގެ ހާލު ސީރިއަސް ކަމަށާއި، އަދި ވާޖިބު އަދާކުރަމުން ދަނިކޮށް 8 ސިފައިން މަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އަންހެންކުދިންގެ ޕްރައިމަރީ ސްކޫލަކުން މަރުވި 170 ކުދިން ހިމެނޭކަމަށް ޝޫމަރ ފާހަގަކުރެއްވިއެވެ. މިއީ އެމެރިކާގެ އޮޕަރޭޝަނެއްގެ ސަބަބުން ހިނގި ކަމެއްކަމަށް ބެލެވޭތީ، އެ ސްކޫލަށް ޙަމަލާ އެރި ގޮތާއި އެހާ ގިނަ ޢާއްމުން މަރުވި ސަބަބު ހޯދުމަށް ފުރިހަމަ އަދި މިނިވަން ތަޙުޤީޤެއް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ނިއުޔޯކަށް ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ ޝޫމަރ ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާއި، ހަމަނުޖެހުންތަކާއި، މީހުން މަރުވާ ނިސްބަތް އިތުރުވަމުންދާތީ، އެމެރިކާ މީހުން މި ހަނގުރާމަ ކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދާ ކަމަށެވެ. “އެމެރިކާ މީހުން ހަނގުރާމައެއް ބޭނުމެއް ނުވޭ. މިއީ އެމެރިކާ މީހުން އެދުނު ކަމެއް ނޫން،” އޭނާ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނާ ގުޅޭގޮތުން ޑޮނަލްޑް ޓްރަމްޕް ތަފާތު އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާކަމަށް ޝޫމަރ ތުހުމަތުކުރެއްވިއެވެ.
“ފުރަތަމަ ޓްރަމްޕް ބުނީ ސަރުކާރު ބަދަލުކުރުމަށޭ، ދެން ބުނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށޭ. ދެން ބުނީ އީރާނުގެ ކަނޑުގެ ސިފައިން ނައްތާލުމަށޭ. އަނެއްކާވެސް ބުނީ ސަރުކާރު ބަދަލުކުރުމަށޭ. ދެން ބުނަނީ ދިފާޢީ ކަމެކޭ.” ޝޫމަރ ވިދާޅުވިއެވެ.
ހަނގުރާމަ ނިމެނީތޯ ނުވަތަ ފެށެނީތޯ ޓްރަމްޕާ ސުވާލުކުރުމުން، ޓްރަމްޕް ބުނަނީ އެއީ އެ ދެކަންތައް ކަމަށާއި، މި މޮޔަކަންތައްތައް ހުއްޓާލަން ޖެހޭކަމަށްވެސް ޝޫމަރ ވިދާޅުވިއެވެ.
މި ހަނގުރާމައިގެ ސްޓްރެޓެޖީއާ ގުޅޭގޮތުން ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ސުވާލުކުރުމަށް ސެނެޓުގައި އާންމު އަޑުއެހުންތަކެއް ބާއްވަން ޖެހޭކަމަށް ޝޫމަރ ވިދާޅުވިއެވެ. އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ހުވާގެ މަތީގައި ތިބެ ޖަވާބުދާރީވުމަށް އޭނާ ގޮވާލެއްވިއެވެ.
“އެމެރިކާގެ ރައްޔިތުންނަށް މިކަމުގެ ޖަވާބު ލިބެންޖެހޭނެ،” ޝޫމަރ ވިދާޅުވިއެވެ.


