ޚަބަރު

ސްކޫކް ދައްކަން ރާއްޖޭގެ މާލީ ތަނަވަސްކަން އެބަހުރި: ރައީސް މުއިއްޒު

ރާއްޖެއިން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކް، މިއަދުން މިއަދަށް ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ މާލީ ތަނަވަސްކަން ސަރުކާރުގައި އެބަހުރި ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2026 ވަނަ އަހަރުގެ އޭޕްރީލް 8 ގައި ދައްކަންޖެހޭ މި ދަރަނި އަދާކުރުމުގައި އެއްވެސް ހާސްކަމެއް ނެތް ކަމަށާއި، އިގްތިސާދު މެނޭޖްކުރަމުންދަނީ ދަރަނިތައް ދެއްކޭނެ ފަދަ ހަރުދަނާ އިންތިޒާމުތަކަކާއެކު ކަމަށެވެ.

ރާއްޖޭގެ މާލީ ތަފްސީލްތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގްރޮސް ރިޒާވްގައި މިހާރު 1.27 ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި ރިޒާވް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި 320 މިލިއަން ޑޮލަރު އަދި ބޭނުންކުރެވޭ ރިޒާވްގައި 330 މިލިއަން ޑޮލަރު ހުރިކަން ފާހަގަކުރައްވައި، ޖުމްލަ 650 މިލިއަން ޑޮލަރު މިހާރުވެސް ރައްކާކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ދަރަނިތައް ދެއްކުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އިތުރު ފައިސާ ހޯދުމަށް ކުރެވޭ މަޝްވަރާތައް ވެސް ކާމިޔާބުކަމާއެކު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ދަރަނި ދެއްކުމުގެ ފުރިހަމަ ގާބިލުކަން ސަރުކާރަށް ލިބިގެންވާ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close