ޚަބަރު

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ޚިދުމަތް ޖަމިއްޔާއިން ބިނާކުރި މިސްކިތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ބިނާކުރުމަށްޓަކައި މިދިޔަ އަހަރުގެ ޖޫން މަހު ހުޅުވާލި ފަންޑަށް 24 ގަޑިއިރު ނުވަނީސް މިސްކިތް އެޅުމަށް ބޭނުންވާ 7 ލައްކަ ރުފިޔާ ހަމަވުމުން، މިއީ ޝެއިޚް ފަރީދަށް ދިވެހިންގެ މެދުގައި އޮތް ލޯތްބާއި ގަދަރު ހާމަކޮށްދޭ އަލިގަދަ ހެއްކަކަށް ފުދޭކަމެކެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި އިއްޔެ ބަންގްލަދޭޝްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ. މި ރަސްމިއްޔާތުގައި ޚިދުމަތް ޖަމްޢިއްޔާގެ ޕާޓްނަރު އެންޖީއޯ، އަލް-މަނާހިލް ފައުންޑޭޝަންގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚިދުމަތް ޖަމިއްޔާއިން ބުނީ ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ކަމަށެވެ. މި މިސްކިތް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން ފަންޑު ހުޅުވާލިތާ ކުރު މުއްދަތެއްގެ ތެރޭގައި އެކަމަށް ބޭނުންވި ހުރިހާ ފައިސާއެއް ހަމަވުމަކީ، ދިވެހި ރައްޔިތުންގެ މެދުގައި ޝެއިޚް ފަރީދަށް އޮތް ބޮޑު އިޙްތިރާމާއި ލޯބީގެ ހެއްކެކެވެ.

ޝެއިޚް ފަރީދު އަވަހާރަވީ މިދިޔަ އަހަރުގެ ޖޫންމަހު، މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަނިކޮށް އެ ގައުމުގެ އެއާޕޯޓުގައެވެ. ފްލައިޓުން މެލޭޝިއާއަށް ފޭބިތަނާ ޝެއިޚް ފަރީދު ވެއްޓި ވަޑައިގަތުމުން ވަގުތުން ފަރުވާ ދެވުނު ނަމަވެސް، އިރުކޮޅެއް ފަހުން އެ މަނިކުފާނު އަވަހާރަވީއެވެ. އެކުއްލި ވަކިވުމަކީ ދިވެހި މުސްލިމު އުންމަތަށް ލިބުނު ބޮޑު ހިތާމައެކެވެ.

ޚިދުމަތް ޖަމިއްޔާއިން މިހާރު ވަނީ ރާއްޖޭގައި ވެސް ޝެއިޚް ފަރީދުގެ ހަނދާނީ މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. ހުޅުމާލޭ ފޭސް3 ގައި ބިނާކުރުމަށް ނިންމާފައިވާ މ މިސްކިތައްވެސް އެހީތެރިވުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިކަމުން ދައްކުވައިދެނީ ދިވެހި މުޖުތަމަޢަށް ޝެއިޚް ފަރީދު ކުރެއްވި އަގުހުރި ޚިދުމަތްތައް ދިރުވައި، އެ މަނިކުފާނުގެ ނަން ދިރިހުރުމަށް ކުރެވެމުންދާ މަސައްކަތްތަކެވެ. މިފަދަ މަޝްރޫޢުތަކަކީ އެ މަނިކުފާނުގެ ރޫޙަށްޓަކައި ކުރެވޭ ހެޔޮ ކަންކަމުގެ ތެރެއިން ގުނާލެވޭނެ ކަންކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close