ރިޕޯޓް

އިންތިހާބުތައް އެއްކުރުން: އިއްޔެ ‘އޯކޭ’، މިއަދު ‘ގޯސް’ – މިއަނބުރަނީ ގޭސްގަނޑެއްތަ؟

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަދު އެންމެ ހޫނު ބަހުސަކަށް ވެފައިމިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެވެ. އިންތިހާބުތައް ގިނަވެ، އެކަމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތަކުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް، މިކަމަށް ގާނޫނީ ހައްލެއް ގެނައުމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ހިސާބުން، މިއީ ހަމައެކަނި ދެކެވެމުން އައި ވާހަކައެއްގެ ބަދަލުގައި ހަގީގަތަކަށް ވުމާ ގާތަށް ޖެހިފައިވާ ކަމެކެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން މި ބަދަލަށް ވަކާލާތު ކުރަނީ އިގުތިސާދީ އަދި ތަރައްގީގެ ނަޒަރިއްޔާތަކުންނެވެ. ރާއްޖޭގައި އިންތިހާބުތައް ގިނަވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދު އިންތިހާއަށް ބޮޑުވެގެންދާއިރު، އިންތިހާބުތައް ޖެހިޖެހިގެން އައުމުން ސަރުކާރުގެ މަޝްރޫއުތައް ހުއްޓި، ތަރައްގީގެ ދުވެލި މަޑުޖެހޭ މައްސަލައަށް ހައްލެއް ހޯދުމަކީ މި އިސްލާހުގެ މައިގަނޑު އެއް ބޭނުމެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި، ސިޔާސީ ވާދަވެރިކަމުގައި ހޭދަވާ ވަގުތު މަދުކޮށް، ގައުމު ބިނާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

މި އިސްލާހު މަޖިލީހަށް އައުމާއެކު، އިދިކޮޅު އެމްޑީޕީން ވަނީ މިކަމާ ދެކޮޅަށް ވަރުގަދަ ދިފާއެއް ނަގާފައެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ސިފަކުރެއްވި ގޮތުގައި މިއީ ވެރިކަމުގެ ދައުރު “ވަލު ދޮރޯށިން” ދަންމާލަން ރާވާފައިވާ މަކަރުވެރި ރޭވުމެކެވެ. އެމްޑީޕީގެ ނަޒަރުގައި ގާނޫނުއަސާސީއަށް މި ގެންނަ ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރު އިތުރުކުރުމަށް ކުރާ ކަމެއްގެ އިތުރުން، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާނޫނީ ދައުރުން 6 މަސް ދުވަސް ކުރުކޮށްލުމަށް ކުރާ ކަމެކެވެ. މިއީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފު، އަދި އެއްވެސް ގޮތަކަށް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން މިއަދު މިކަމާ މިހާ ދެކޮޅު ހެދި ނަމަވެސް، މާޒީގެ ސަފުހާތައް އުކާލުމުން ފެންނަނީ ތަފާތު މަންޒަރެކެވެ. 2020 ވަނަ އަހަރު، އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހދ. ނޮޅިވަރަމް ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ހަމަ މި ޚިޔާލަށް ތާއީދު ކުރައްވާފައެވެ. އޭރު އެމަނިކުފާނު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބު އެއްކޮށްލައިގެން ބޭއްވުމަކީ ތަރައްގީއަށް ލިބޭނެ އިތުރު ހަލުވިކަމެއް ކަމަށެވެ. އިންތިހާބުތައް ވަކިވަކިން ބާއްވަން ޖެހުމަކީ އެމްޑީޕީގެ ސަރުކާރުގެ މަޝްރޫއުތައް ލަސްވާން ދިމާވާ މައިގަނޑު އެއް ސަބަބު ކަމަށް އޭރު ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

އޭރުގެ “ހައްލު” މިއަދު “މައްސަލަ” އަކަށް ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ތުހުމަތު ކުރައްވާ ގޮތުގައި އެމްޑީޕީގެ މިއަދުގެ ނުރުހުމުގެ ހަގީގީ ސަބަބަކީ އުސޫލީ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ މަޖިލީހުގެ ދައުރު ހަމަވުމުގެ ތާރީހަށް އަންނަ ބަދަލާއެކު، މިހާރު ތިބި މެންބަރުންގެ މުސާރައިން 6 މަސް ދުވަހުގެ މިންވަރު އުނިވުމުގެ ކަންބޮޑުވުމެވެ. މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ އުމުރަކީ ޑިސެމްބަރު 1 އިން ފެށިގެން 5 އަހަރު ކަމަށް ކަނޑައެޅުމުން، މިހާރު ހިނގަމުންދާ ދައުރު ކުރުވެގެންދެއެވެ.

ކަންމިހެން އޮތް ނަމަވެސް، މަޖިލީހުން ބިލު ފާސްކުރުމަކީ މިކަމުގެ ނިމުމެއް ނޫނެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާ ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް ނުވަތަ ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރާ ގޮތަށް ނުވަތަ އުމުރަށް ބަދަލެއް ގެންނަނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެއެވެ. މިއީ ރައްޔިތުންގެ ސީދާ ބަހެއް ނެތި ސިޔާސީ ވެރިންނަށް އެކަނި ނިންމޭނެ ނިންމުމެއް ނޫނެވެ. ބެލެވޭ ގޮތުގައި މި ރެފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ފަހު ބަސް ބުނާނީ ދިވެހި ރައްޔިތުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close