ރަމަޟާން މަހުގެ ބަރަކާތާއި ސަވާބާއި ދަރުމަ ހޯދުމަށް އުރެދުންތަކުން ދުރުހެލިވާންޖެހޭ: ހުކުރު ޚުޠުބާ

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ހޯދުމަށް އެދޭނަމަ އުރެދުންތަކުން ދުރުހެލިވެ، ހިތުގެ ހާލިސްކަމާއި އެކު އަޅުކަން އަދާކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ “ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުޙަބާ” މި މައުޟޫއަށެވެ. ޚުޠުބާގައި ބަޔާންކުރި ގޮތުގައި ރޯދަވެރިޔާ ދޮގުހެދުމާއި އުރެދުންތަކުން ދުރުހެލިނުވާނަމަ، ހައިހޫނުކަން ފިޔަވައި އެހެން އެއްވެސް ދަރުމައެއް އެ މީހަކަށް ނުލިބިދާނެއެވެ. ރޯދައިގެ ފުރިހަމަ ސަވާބު ލިބިގަތުމަށްޓަކައި ކެއިންބުއިމުން ދުރުހެލިވުމުގެ އިތުރުން، ދުލާއި އެހެނިހެން ގުނަވަންތައް މުންކަރާތްތަކުން އެއްކިބާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ރޯދައާ ގުޅޭ ޝަރުޢީ ހުކުމްތަކަށް ބަލާއިރު، ދަތުރުވެރިންނާއި، ބަލިމީހުންނާއި، މާބަނޑު މީހުންނާއި ކިރުމައިންނަށް އުޒުރުވެރި ހާލަތްތަކުގައި ރޯދަ ދޫކޮށްލުމުގެ ހުއްދަ އޮތް ނަމަވެސް، އެ ރޯދަތައް ފަހުން ގަޟާކުރަން ޖެހޭނެއެވެ. އަދި ދާއިމީ ބަލިމީހުންނާއި މުސްކުޅިވުމުގެ ސަބަބުން ރޯދަ ނުހިފޭ މީހުން ފިދުޔަ ދިނުމަށް އިރުޝާދު ދީފައިވެއެވެ. މީގެ އިތުރުން، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި ޑަޔަލިސިސް ހެދުމަކީ ރޯދަ ގެއްލޭނެ ކަންކަން ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ.
އިޖުތިމާއީ އަދަބުތަކަށް އަލިއަޅުވާލަމުން، ރޯދަމަހު ގޭތެރޭގެ މަސައްކަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ދީނުގައި ބާރުއަޅާ ކަމެއްކަމަށް ބުންޏެވެ. ހަމައެހެންމެ، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ވެސް ރަމަޟާން މަހުގެ ހުރުމަތް ހިފަހައްޓައި، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ނުދިނުމަށް ވަނީ ގޮވާލާފައެވެ. ޚުޠުބާ ނިންމާލީ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ތަޤުވާވެރިކަމާއި މަތިވެރި އަޚުލާޤުން ނަފްސުތައް ޒީނަތްތެރިކުރުމަށް ހަނދާންކޮށްދެމުންނެވެ.

