ބޭރުދުނިޔެ

“އީރާނަށް ހަމަލާދީ، މަޝްވަރާ ނުކުރޭ” ޓްރަމްޕަށް މެސެޖެއް ދިނުމަށްފަހު އީރާނު މީހަކު އަމިއްލައަށް މަރުވެއްޖެ

ފްރާންސްގައި ދިރިއުޅެމުންދިޔަ އީރާނުގެ ރައްޔިތަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޚާއްޞަ ވީޑިއޯ މެސެޖެއް ދިނުމަށްފަހު އަމިއްލައަށް މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ފްރާންސްގެ ލިޔޯންގައެވެ. އުމުރުން 38 އަހަރުގެ ޕޫރިއާ ހާމިދީ ނަމަކަށް ކިޔާ މި މީހާ އަމިއްލައަށް މަރުވީ އެ ސިޓީގައި އޮންނަ ރޯން ކޯރަށް (Rhone River) ފުންމާލައިގެންނެވެ.

މަރުވުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މުޚާތަބުކޮށް ބުނެފައިވަނީ އީރާނުގެ މިހާރުގެ ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ނުކުރުމަށާއި، އޭގެ ބަދަލުގައި އެ ގައުމަށް ހަމަލާދިނުމަށެވެ.

“އީރާނުގެ ސަރުކާރާއެކު މަޝްވަރާ ނުކުރޭ. އެމީހުންނަށް ހަމަލާދީ. އެމީހުންނަކީ ގާތިލުން،” ވީޑިއޯގައި ހާމިދީ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އީރާނުގެ ވެރިކަމުގައި ތިބި “ކުށްވެރިން” ނާ ވާހަކަދެއްކުމަކީ ބޭކާރު ކަމެކެވެ.

ހާމިދީ ބުނެފައިވާ ގޮތުގައި އޭނާ އަމިއްލައަށް މަރުވާން ނިންމީ އީރާނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ކަންކަމަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށެވެ. އަދި އީރާނުގެ ސަރުކާރު ބަދަލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ގަބޫލުކުރެއެވެ.

ފްރާންސްގެ ފުލުހުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. އީރާނުގެ ސަރުކާރާ ދެކޮޅަށް ފަހަކަށް އައިސް ބޭރު ގައުމުތަކުގައި ދިރިއުޅޭ އީރާނުގެ ރައްޔިތުން ދަނީ ތަފާތު ގޮތްގޮތަށް އިހުތިޖާޖު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close