އެންމެ އަސީރެއްގެ ހަށިގަނޑު ހޯދުމަށްޓަކައި ޣައްޒާގެ އަވަށެއް “މަރުގެ މައިދާނަކަށް” ބަދަލުކުރި

އެންމެ މައްޔިތެއްގެ ހަށިގަނޑު ހޯދުމަށްޓަކައި، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ގިނަ އަދަދެއްގެ ޓޭންކުތަކާއި، ޑްރޯންތަކުގެ އިތުރުން، އެ ސަރަހައްދުގެ މީހުން ސިފަކުރާ ގޮތުގައި “ގޮވާ އެއްޗެހި ހަރުކޮށްފައިވާ ރޮބޮޓްތައް” ބޭނުންކޮށްގެން ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ.
މި އޮޕަރޭޝަނުގައި އެ މީހުން ވަނީ މުޅި އަވަށެއް “މަރުގެ މައިދާނަކަށް” ބަދަލުކޮށް، ފަލަސްތީނުގެ ގާތްގަނޑަކަށް 200 އެއްހާ ގަބުރު ކޮނެ، ހަތަރު އާންމުން ޝަހީދުކޮށްލާފައެވެ.
އިސްރާއީލުގެ މި ބޮޑު ލަޝްކަރުގެ އަމާޒަކަށްވީ، މީގެ ދެ އަހަރަށްވުރެ ކުރިން މަރުވެފައިވާ އިސްރާއީލުގެ ފުލުހެއް ކަމަށްވާ ރާން ގްވިލީގެ ހަށިގަނޑު ހޯދުމެވެ. އޭނާއަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ތެރެއިން، އެ ސަރަހައްދުގައި ހުރި އިސްރާއީލުގެ އެންމެ ފަހު އަސީރެވެ.
ހޯމަ ދުވަހު އޭނާގެ ހަށިގަނޑު ފެނުމާއެކު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއީ އެ މީހުންގެ ވަރުގަދަ އަޒުމުގެ ނަތީޖާއެއްގެ ގޮތުގައި ސިފަކުރިއެވެ. ނަމަވެސް، ގްވިލީގެ ހަށިގަނޑު ވަރަށް ފަރުވާތެރިކަމާއެކު ނެގި ތަނާ މަދު ފޫޓުކޮޅެއްގެ ދުރުމިނުގައި އޮތީ މުޅިން ތަފާތު، ބިރުވެރި އަދި ހިތްދަތި ހަގީގަތެކެވެ.
ގެއްލިފައިވާ މީހުންނާ ބެހޭ ގައުމީ ކޮމިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާގެ އިމާރާތްތަކުގެ ސުންނާފަތިވެފައިވާ ގާފުނިތަކުގެ ދަށުގައި ފަލަސްތީނުގެ 10,000 އަށްވުރެ ގިނަ މީހުން ވަނީ ވަޅުލެވިފައެވެ. އެ މީހުންގެ ހަށިގަނޑުތައް އެއްވެސް މީހެއްގެ ސަމާލުކަމެއް ނެތި، ވަކި ކާކުކަން ނޭނގޭ ހާލަތުގައި ކުނިވަމުންދަނީއެވެ.
އެ މީހުންގެ އާއިލާތަކުން ތިބީ ގެއްލިފައިވާ، އަދި މަރުވެފައިވާ ކަމަށް ބެލެވޭ އެ މީހުންގެ ލޯބިވާ މީހުންގެ ހަށިގަނޑުތައް ނުފެނި، ނިމުމެއް ނެތް ހިތާމައެއްގެ ތެރޭގައެވެ.
އެ މީހުން ހޯދައިދޭނެ އެއްވެސް ރޮބޮޓެއް ނެތެވެ. އެ މީހުންގެ ވަނަވަރު ދެނެގަތުމަށް އަންނާނެ ފޮރެންސިކް ޓީމެއް ނެތެވެ. އަދި އެ މީހުންގެ ހަށިގަނޑުތައް ނެގުމަށް ގޮވާލާ ބައިނަލްއަގުވާމީ އެއްވެސް އަޑެއްވެސް ނެތެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން އެ މީހުންގެ ޚަބަރުތައް ފެތުރުމަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.
ޣައްޒާ ސިޓީގެ ތުއްފާހް ސަރަހައްދުގައި ހުރި އަލް-ބަތުޝް ގަބުރުސްތާނު ކޮނެ، ހަށިގަނޑުތައް ނެގި ނެގުމަކީ ދުނިޔޭގައި އޮތް ބިރުވެރި “ދެފުށްގެރި” އުސޫލުގެ ސާފު ހެއްކެކެވެ. އެއީ އެންމެ އިސްރާއީލު މީހެއްގެ މަރުވި ހަށިގަނޑަށް މުޅި އަސްކަރިއްޔާއެއްގެ ސަމާލުކަން ލިބޭއިރު، ފަލަސްތީނުގެ އެތައް ހާސް ބައެއްގެ ހަށިގަނޑުތަކަކީ ހަލާކުވެފައިވާ ބިމުގެ އެއްބައިގެ ގޮތުގައި ދޫކޮށްލާފައިވާ މަންޒަރެކެވެ.




