ބޭރުދުނިޔެ

އީރާނުގެ ހާލަތާ ގުޅިގެން މެދުއިރުމައްޗަށް އެމެރިކާގެ އަސްކަރީ ބާރު އިތުރުކުރަނީ

އީރާނުގެ ސަރުކާރުން އެގައުމުގައި ހިންގި މުޒާހަރާތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި ހޫނުވެފައިވާ މަސްރަހެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު ހަމަލާތަކެއް ދޭން ބޭނުންފުޅު ނުވާކަމަށް ވިދާޅުވަމުންދާއިރު، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އެހެނިހެން އަސްކަރީ އުޅަނދުތައް ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމައްޗަށް ދަތުރުފަށާނެކަމަށް އެމެރިކާގެ ދެ އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރައްވައިފިއެވެ.

ޔޫއެސްއެސް އަބްރަހަމް ލިންކަން ނަމަކަށް ކިޔާ މަތިންދާބޯޓު އުފުލާ މަނަވަރާއި، ހަނގުރާމަ މަތީ މަނަވަރުތަކާއި ފައިޓަރ ޖެޓުތައް ހިމެނޭހެން އެމެރިކާގެ އަސްކަރީ އުޅަނދުތައް އޭޝިއާ-ޕެސިފިކް ސަރަހައްދުން ދަތުރު ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ. މީގެ ތެރެއިން އެއް އޮފިޝަލަކު ވިދާޅުވި ގޮތުގައި މެދުއިރުމައްޗަށް އިތުރު އެއާ ޑިފެންސް ސިސްޓަމްތައް (ވައިގެ ދިފާއީ ނިޒާމުތައް) ފޮނުވުމަށްވެސް މިހާރު ދަނީ ވިސްނަމުންނެވެ. ސަރަހައްދީ މަސްރަހު ހޫނުވާ ދަނގަނޑުތަކުގައި އެމެރިކާއިން އާންމުކޮށް މެދުއިރުމަތީގައި ތިބޭ ސިފައިންގެ އަދަދު އިތުރުކުރަނީ ދިފާއީ ގޮތުން ކުރާ ކަމެއްގެ ގޮތުގައެވެ.

އީރާނުގައި މުޒާހަރާކުރި މީހުން މެރުމާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ ތަކުރާރުކޮށް އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި މުޒާހަރާތައް މަޑުޖެހުމާއެކު ޓްރަމްޕްގެ ވާހަކަފުޅުތައް ވެސް މަޑުވެ، އޭނާގެ ނަޒަރު ދުނިޔޭގެ ސިޔާސީ އެހެން ކަންކަމަށް ހުއްޓުނެވެ. މިދިޔަ ބުދަ ދުވަހު ސްވިޒަލޭންޑްގެ ޑާވޯސްގައި ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅެއް އަޅަން ޖެހިވަޑައިނުގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، ތެހެރާނުން އަލުން ނިއުކްލިއަރ ޕްރޮގްރާމް ފަށައިފިނަމަ އެމެރިކާއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވިއެވެ.

އޭނާ ވަނީ، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ކުރިން ދީފައިވާ ވަރުގަދަ ވައިގެ ހަމަލާތަކަށް އިޝާރާތް ކުރައްވައި، “އެކަން ކޮށްފިނަމަ، އަނެއްކާވެސް އެ ހަމަލާތައް އަންނާނެ” ކަމަށް އިންޒާރު ދެއްވާފައެވެ. އދ. ގެ ނިއުކްލިއަރ ވޮޗްޑޯގް، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން އީރާނުގެ މަތީ ދަރަޖައަށް ފައްކާކޮށްފައިވާ ޔުރޭނިއަމް ސްޓޮކް އެންމެ ފަހުން ޔަގީންކުރިތާ މިހާރު މަދުވެގެން ހަތް މަސް ވެއްޖެއެވެ. އެ އޭޖެންސީގެ ގަވާއިދު ބުނާގޮތުން މިއީ ކޮންމެ މަހަކު ކުރަންޖެހޭ ކަމެކެވެ.

އައިއޭއީއޭއަށް އީރާނުން ހުށަހަޅަން ޖެހޭ ރިޕޯޓެއްގައި އެމެރިކާއިން ހަމަލާދިން ތަންތަނާއި އެތަންތަނުގައި ހުރިކަމަށް ބެލެވޭ ނިއުކްލިއަރ މާއްދާތަކާ ގުޅޭ މައުލޫމާތު ހިމެނެއެވެ. އޭގެ ތެރޭގައި 60 އިންސައްތައަށް ފައްކާކޮށްފައިވާ 440.9 ކިލޯގެ ޔުރޭނިއަމް ހިމެނެއެވެ. މިއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތަ އާއި ގާތް މިންވަރެކެވެ. އައިއޭއީއޭގެ މިންގަނޑުން ބަލާނަމަ، މިއީ އިތުރަށް ފައްކާކޮށްފިނަމަ 10 ނިއުކްލިއަރ ބޮން ހެދޭނެ މިންވަރެވެ.

އީރާނުގައި މުޒާހަރާތައް އަލުން ފަށާފާނެކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. އިގްތިސާދީ ދަތިކަމާ ހެދި މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު ތެހެރާންގެ ގްރޭންޑް ބާޒާރުގައި ކުޑަކޮށް ފެށުނު މުޒާހަރާތައް ވަރަށް އަވަހަށް މުޅި ގައުމަށް ފެތުރި، ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވިއެވެ. އެމެރިކާގައި ހިންގާ އެޗްއާރްއޭއެންއޭ ރައިޓްސް ގްރޫޕުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކާ ގުޅިގެން 4،519 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 4،251 މުޒާހަރާގެ ބައިވެރިންނާއި، ސަލާމަތީ ބާރުތަކުގެ 197 މީހުންނާއި، 18 އަހަރުން ދަށުގެ 35 ކުދިން ހިމެނެއެވެ.

މި މައުލޫމާތުތަކުގެ އިތުރުން 9،049 މަރުގެ މައްސަލަ އެޖަމާއަތުން ދަނީ ބަލަމުންނެވެ. އީރާނުގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު 5،000 އަށްވުރެ ގިނައެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 500 މީހުން ހިމެނެއެވެ. މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close