ފަތިސް ނަމާދުގެ ވަޤުތު ފާއިތުވިފަހުން ހޭލެވިއްޖެނަމަ ކުރެވިދާނެ ބައެއް ކަންކަން.

ފަތިސް ނަމާދަކީ ވަރަށް މަތިވެރި ނަމާދެކެވެ. އެ ނަމާދަކާއި މެދު ވަރަށްބޮޑަށް ފަރުވާތެރިވާންޖެހޭ ނަމާދެކެވެ. އެހެނީ، މީހާ ނިދާފައިވަނިކޮށް ވަދެގެން އަންނަ ނަމާދު ވަޤުތެކެވެ. އެ ނަމާދު ކުރުމަށްޓަކައި ހޭލަން ޖެހޭ ނަމާދެކެވެ. ހޭލެވުނު އިރަކުން ކުރަން އޮންނަ ނަމާދެއް ނޫނެވެ.
ކީރިތި ޤުރްއާނުންނާއި މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުންވެސް ފަތިސް ނަމާދުގެ މާތްކަމާއި މަތިވެރިކަން ހާމަވެގެންދެއެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ﴿٧٨﴾
މާނައީ: ” އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصر ނަމާދާއި، مغرب ނަމާދާއި، عشاء ނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ. “
އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لاَسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي العَتَمَةِ وَالصُّبْحِ، لَأَتَوْهُمَا وَلَوْ حَبْوًا». [رواه البخاري برقم: 618]
މާނައީ: “މީސްތަކުންނަށް ބަންގިއާއި، ފުރަތަމަ ޞަފުގެ މާތްކަން އެނގޭނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުންގެ މެދުގައި ގުރުއަތުލުން ފިޔަވާ އެހެންގޮތެއް ނެތްނަމަ ގުރުއަތުލައިގެންވެސް އެކަންތައް ކުރީހެވެ. އަދި ނަމާދުގެ ތަކުބީރުގެ މާތްކަން އެނގޭނަމަ (ނަމާދަށް ދިއުމަށް) އެބައިމިހުން އަވަސްވެގަތީހެވެ. އަދި ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވިޔަސް (އެދެ ނަމާދަށް) އައީހެވެ.”
މިގޮތަށް މިކަން އޮތަސް އަހަރެމެންނަކީ އިންސާނުން ކަމަށްވާތީވެ ކަމެއް ދިމާވެގެން ފަތިސް ނަމާދުގެ ވަޤުތު ފާއިތުވާފަހުން ހޭލެވޭ ދުވަސްތައްވެސް ޙަޔާތުގައި އެބަ ދިމާވެއެވެ. މިއީ ހަމަ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާނެ ކަމެކެވެ. އެފަދަ ދުވަހެއްގައި ކަންތައް ކުރެވިދާނެ 3 ގޮތެއް ބުނެދޭނަމެވެ.
ފުރަތަމައީ، ވީހާވެސް އަވަހަކަށް ފަތިސް ނަމާދު ކުރުމެވެ.
ދެވަނައީ، އެފަދަ ދުވަހެއްގައި ޟުޙާ ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދީގެން އެ ނަމާދު ކުރުމެވެ. އެގޮތުން އެހެން ދުވަސްތަކާއި ޚިލާފަށް، ޟުޙާ ނަމާދުގެ ރަކުޢަތްތައްތަކުގެ ޢަދަދު އިތުރުކޮށްލެވިދާނެއެވެ.
ތިންވަނައީ، އެފަދަ ދުވަހެއްގައި އެހެނިހެން ފަރުޟު ނަމާދުތަކަށާއި ރަވާތިބު ސުންނަތްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ.
ނަޞޭޙަތްތެރިވަމެވެ. މިއީ، ކޮންމެ ދުވަހަކު ނުވަތަ ބޭނުންވެއްޖެ ދުވަހެއްގައި ގަސްތުގައި ފަތިސްނަމާދު ކުރުމަށް ނުތެދުވެ، އެވަޤުތު ބޭނުންވަރަކަށް ނިދަން އޮވެފައި މިކަންކަން ކުރަން ބުނާ ބުނުމެއް ނޫނެވެ. ފަތިސް ނަމާދު އެ ނަމާދުގެ ވަޤުތުގައި ކުރުމަށް ވަރަށްބޮޑަށް ސަމާލުވާން ވާނެއެވެ.


