މިއަހަރުގެ ޙާފިޡުން ދަސްވެނިވުމުގެ ޙަފްލާ ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ރޭ ބާއްވަނީ

މިއަހަރުގެ ޙާފިޡުން ދަސްވެނިވުމުގެ ޚާއްޞަ ޙަފްލާ، ކުރިން ތާވަލުކުރި ތާރީޚަށްވުރެ އަވަސްކޮށް، ރަމަޟާން މަހުގެ 12 ވިލޭރޭ (މާރިޗު 11) ބޭއްވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި ޙަފްލާގައި 30 ޙާފިޡުން ދަސްވެނިވާއިރު، ޖުމްލަ 42 ޙާފިޡަކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑަލް ހާޞިލުކުރާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޙާފިޡުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު، މިހާރު ރާއްޖޭގައި ތިބި ޙާފިޡުންގެ އަދަދު ވަނީ 291 އަށް އަރާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން މި އަދަދު 300 އަށް އިތުރުކުރުމެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ލިބިފައިވާ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމުގެ ދަށުން، ޙާފިޡުންނަށް ދޭ އެލަވަންސް މިހާރު ވަނީ ދެގުނައަށް ބޮޑުކޮށްދެއްވާފައެވެ. މިފަދަ ދަސްވެނިވުމުގެ ޙަފްލާތަކަކީ ޙާފިޡުންގެ އަގުވަޒަންކޮށް، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ސަރުކާރުން އަލަށް ފެށި މުހިންމު މަސައްކަތެކެވެ.


